އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު މައްސަލާގައި ދައުވާތައް އުފުލުން ލަސްވެފައިވާތީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފާޑުކިޔައިފިއެވެ. 

ހިޔާނާތް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއެކު އޭސީސީއިން ދަނީ އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ ތަހުގީގުގައި ބައިވެރިވަމުންނެވެ. ނަމަވެސް މިހާތަނަށް އެ ތަހުގީގުގެ ތެރެއިން ދައުވާތައް އުފުލޭ ވަރެއް ނުވެއެވެ. އެންމެ ފަހުން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ދައުވާތަކެއް އުފުލަން އަވަހަށް ފޮނުވާނެ ކަމަށް ބުނެފައިވީ ނަމަވެސް އެކަމެއް އަދި ނުވެއެވެ. 

މިއަދު މަޖިލީހުގައި ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް މެންބަރުން ބަހުސް ކުރެއްވިއެވެ. އެ ބަހުސްގައި ގިނަ މެންބަރުން ފާހަގަ ކުރެއްވީ އެމްއެމްޕީއާރްސީގެ މައްސަލާގެ ތަހުގީގު ލަސްވެ، ފައިސާ އަނބުރާ ހޯދުމަށް ތަހުގީގީ އިދާރާތައް ފެއިލްވެފައިވާ ކަމެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީ ކޮރަޕްޝަނުގައި ބައިވެރިވި މީހުން ސާފުކޮށް އެނގޭއިރު ދައުވާ ނުކުރެވި ލަސްވާ ސަބަބު ނޭނގޭ ކަމަށެވެ. އޭސީސީ ވިޔަސް ފުލުހުން އަދި ޕީޖީ ވެސް މި މައްސަލާގައި ކުރިއަށް ނުދެވިގެން އުޅެނީ ކީއްވެކަމާމެދު ވިސްނައިގަންނަން ވެސް ނޭނގޭ ކަމަށާއި އެކަމާ ހުއްޓުން އަރާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ވަރަށް ހިތާމައާއެކު ވެސް ދަންނަވަން ޖެހެނީ އޭސީސީ ކަމަށް ނާގާބިލް ކަމަށެވެ. ތަހުގީގުތައް ނުކުރެވިގެން އުޅެނީ ގާނޫނުގައި ވަކި ކުށެއް ލިޔެފައި ނެތުމުން ނޫން ކަމަށެވެ. މިހާރު އޭސީސީގައި ތިބި މެންބަރުންނަކީ މި މަޖިލީހުން ރުހުން ދީފައިވާ މެންބަރުންނެވެ. 

އިމްތިޔާޒު މިއަދު ވެސް ވަނީ މާލޭ ސިޓީ މޭޔާރު ސިފާ މުހައްމަދުގެ މައްޗަށް ދައުވާ ކުރަން އޭސީސީއިން ފޮނުވާފައިވާތީ އެއީ ސިފާގެ ނަން ކިލަނބުކޮށްލުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަ ކުރައްވައި އޭސީސީއަށް ފާޑުވިދާޅުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.