އަމިއްލައަށް މަގާމުން އެކަހެރިވެވަޑައިގެން ހުންނެވި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކީ ކޮމިޓީއިން ސުވާލުކުރުމަށް މިއަދު ހެނދުނު 11:00އަށް އެޖެންޑާކޮށްފިއެވެ. 

މިއީ ހެލްތު މިނިސްޓްރީއިން ކޮވިޑް-19ގެ ތެރޭގައި ކޮށްފައިވާ ހަރަދުތައް އޮޑިޓްކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އޮޑްޓް ރިޕޯޓުގައިވާ ކަންތައްތައް އިތުރަށް ސާފުކުރުމުގެ ގޮތުން ބާއްވާ ބައްދަލުވުމެކެވެ. 

މީގެ ކުރިން އަމީން ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އެފަހަރު ކޮމިޓީގައި ހަގީގަތާ ހިލާފު މައުލޫމާތު ދެއްވިކަމަށް ގިނަ ތުހުމަތުތަކެއްވަނީ އަމާޒުވެފައެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޮގަސްޓު މަހުގެ ތެރޭގައި ވިދާޅުވީ އަމީން މަޖިލީހުގައި ވެންޓިލޭޓަރުތަކާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކާއި އޮޑިޓް ރިޕޯޓްގައިވާ ވާހަކަތަކާއި އޮޑިޓަރު ޖެނަރަލް މަޖިލީހުގައި ދެއްކެވި ވާހަކަތަކާ ފުށުއަރާ ކަމަށެވެ. އެހެންކަމުން އެއީ އަމީން، މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

އެ މައްސަލަ އިމްތިޔާޒު ކޮމިޓީއިން ބެލުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

އަމީން މަޖިލީހުގައި ވިދާޅުވެފައިވަނީ ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީ ކުންފުންޏާ ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ރާއްޖޭގެ ކަންޓްރީ ރެޕްރެޒެންްޓެޓިވް ޑރ. އަރްވިންދު، ޔޫއޭއީގެ ކައުންޓްރީ ރެޕްރެޒެންޓެޓިވްއާ ވާހަކަަ ދައްކަވައިގެން އަގު ބައްލަވާފައި ކަމަށެވެ. ނަމަވެސް އޮޑިޓް ރިޕޯޓްގައި ޑަބްލިއުއެޗްއޯއާ ހަވާލާދީ ބުނެފައިވަނީ ދުބާއީ ކުންފުންޏާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީއަށް ޑަބްލިއުއެޗްއޯއިން މައުލޫމާތު ދީފައިނުވާނެ ކަމަށާއި އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯއިން ވިޔަފާރީގެ މުއާމަލާތެއް ވެސް ހިންގާފައިވާ ކުންފުންޏެއް ނޫން ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *