ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގި ރެޕިޑް ރެސްޕޮންސް ޓީމް (އާރު.އާރު.ޓީ)ގެ މެމްބަރަށް ހަމަލާ ދިން ކަމަށް ބުނެފައި ވަނިކޮށް އެ މައްސަލައިގައި އޭނާ މާފަށް އެދިއްޖެއެވެ. 

މިއަދު ކުރެއްވި ޓްވީޓެއްގައި އިކްރާމް ވިދާޅުވީ ހަމަލާ ދިން ކަމަށް ބުނާ އާރު.އާރު.ޓީގެ މެމްބަރާއި އެ މެމްބަރުގެ މަންމައާއި ބައްދަލުކުރި ކަމަށާއި ކުރެވުނު ކަންތައްތަކަށާއި ބުނެވުނު ބަސްތަކަށް މާފަށް އެދިފައިވާ ކަމަށެވެ. އަދި މި ހިނގައިދިޔަ ކަންތައްތަކާއި ގުޅިގެން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗް.އީ.އޯ.ސީ) ގެ އާރ.އާރު.ޓީ ގެ ހުރިހާ މުވައްޒަފުންގެ ކިބައިން މާފަށް އެދޭ ކަމަށް ވެސް އިކްރާމް ބުނެފައިވެއެވެ. 

މިދިޔަ ހުކުރު އިކްރާމްގެ ސާމްޕަލް މާފަންނު މަދަރުސާއިން ނެގި ސިއްހީ ހިދުމަތްތެރިޔަކަށް ހަމަލާ ދީފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އޭނާއަށް ވަރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އިކްރާމް މީގެކުރިން ވިދާޅުވެފައިވަނީ އޭނާގެ ސާމްޕަލް ނެގުމުގައި އަމަލުކުރި ގޮތުން ތަދުވެގެން އެ ސާމްޕަލް ނެގި މީހާގެ އަތް ދުރުކޮށް އެއީ ކާކުކަން ހޯދުމަށް ސުވާލުކޮށްފައިވާނެ ކަމަށެވެ. އަދި ހަމަލާދިންކަމުގެ ތުހުމަތު އިކްރާމް ފޭސްބުކްގައި މީގެކުރިން ކުރެއްވި ޕޯސްޓެއްގައި ވެސް ވަނީ ދޮގުކޮށްފައެވެ. 

އިކްރާމްގެ މި މައްސަލަ ބަލައިދީ އޭނާއާ މެދު ފިޔަވަޅު އަޅައި ދިނުމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝެނަލްސް ޔޫނިއަންއިން ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީގައި އެދިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.