އެންބީއޭގެ ޗެމްޕިއަންކަން 17 ވަނަ ފަހަރަށް ލޮސް އެންޖެލްސް ލޭކާރސްއިން ހޯދައިފިއެވެ. މީގެކުރިން މި އަދަދަށް އެންބީއޭގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބޯސްޓަން ސެލްޓިކްސްއެވެ. 

މިފަހަރުގެ ޗެމްޕިއަންކަން ލޭކާރސްއިން ހޯދީ ފައިނަލްސްގައި 4-2 ގެ ނަތީޖާއަކުން މިއާމީ ހީޓް ބަލިކޮށްގެންނެވެ. ހަތް މެޗުގެ ފޯމެޓަށް ކުޅޭ ފައިނަލްސްގެ ފުރަތަމަ ދެ މެޗު ލޭކާރސްއިން ކާމިޔާބުކުރިއިރު ތިންވަނަ މެޗު ކާމިޔާބުކުރީ ހީޓުންނެވެ. ހަތަރުވަނަ މެޗު ލޭކާރސްއިން ކާމިޔާބުކުރިއިރު ހީޓުން ވަނީ ފަސް ވަނަ މެޗު ކާމިޔާބުކޮށްފައެވެ. ހަތްވަނަ މެޗެއް ކުޅެން ނުޖެހި ފައިނަލްސް ލޭކާރސްއިން ނިންމާލިއިރު ހަވަނަ މެޗު އެޓީމުން ކާމިޔާބުކުރީ 106-93 އިންނެވެ. 

ލޭކާރސްއިން ފައިނަލާ ހަމަޔަށް ދަތުރުކުރީ ފުރަތަމަ ބުރުގައި ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް، ދެވަނަ ބުރުގައި ހިއުސްޓަން ރޮކެޓްސް އަދި ވެސްޓަރން ކޮންފަރެންސް ފައިނަލްސްގައި ޑެންވަރ ނަގެޓްސް ބަލިކުރުމަށްފަހުއެވެ. 

އެންބީއޭ ފައިނަލްސްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އުމުރުން 35 އަހަރުގެ ލެބްރޯން ޖޭމްސްއެވެ. މިއީ ލެބްރޯން ފައިނަލްސްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހަތަރުވަނަ ފަހަރެވެ. އޭނާއަށްވުރެ ގިނަ ފައިނަލްސްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހަމައެކަނި ކުޅުންތެރިޔަކީ މައިކަލް ޖޯޑަންއެވެ. ޖޯޑަން އަކީ ހަފަހަރު ޗިކާގޯ ބުލްސްއާއެކު ފައިނަލްސްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކުޅުންތެރިޔެކެވެ. 

ލޭކާރސްއިން އެންމެފަހުން އެންބީއޭގެ ޗެމްޕިއަންކަން ހޯދީ 2010 ވަނަ އަހަރުއެވެ. އޭގެފަހުން އެޓީމަށް ރަނގަޅު ނަތީޖާތަކެއް ނެރެވިފައިނުވާއިރު ހަ ސީޒަނެއްގައި އެޓީމަށް ޕްލޭއޮފް ގެއްލިފައިވެއެވެ. އެހެން ނަމަވެސް އައު ސީޒަނަށް ޓީމް ވަރުގަދަކޮށް އެޓީމުން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. 

ކޮވިޑާއި ގުޅިގެން އެންބީއޭގެ ސީޒަން މެދުކެނޑުނުއިރު އަލުން ސީޒަން ފަށާފައިވަނީ ބޮޑެތި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.