އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަކީ އެ ކުދީންގެ މުސްތަޤުބަލު ކަށަވަރުކޮށްދިނުން ކަމަށް ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ. 

އެކަމަނާ މިހެން ވިދާޅުވީ "އިންޓަރނޭޝަނަލް ޑޭ އޮފް ދަ ގަރލް ޗައިލްޑް 2020" ފާހަގަކުރުމުގެ ގޮތުން އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް) އާއި ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) ގުޅިގެން ނެރުނު ޚާއްޞަ ފޮތެއް އިފްތިތާޙުކުރުމަށް އޮންލައިންކޮށް ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ އަންހެނުންނާމެދު ކުރެވޭ ހުރިހާ ބާވަތެއްގެ ނޭދެވޭ ތަފާތުކުރުންތައް ނައްތައިލުމާބެހޭ އ.ދ.ގެ މުޢާހަދާކަމުގައިވާ ސީޑޯއަކީ އަންހެނުންނާއި އަންހެން ކުދިންނަށް އޮތް ރައްކާތެރިކަމުގެ އިތުރުން ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމަށް ބާރުއަޅާ ވަސީލަތެއްކަމުގައެވެ. ހަމަ އެއާއެކު، މި މުޢާހަދާއިން ބާރުއަޅަނީ އަންހެނުންނާއި އަންހެން ކުދިންނަށް ހަމަހަމަ ފުރުޞަތާއި ވަސީލަތްތައް ފޯރުކޮށްދިނުންކަން ފާހަގަކުރައްވާ އެ ކަމަނާ ވިދާޅުވީ، އެ މުޢާހަދާގެ ޒަރިއްޔާއިން ކުޑަކުދިން ބާރުވެރިކުރުމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދޭ ބައިނަލްއަޤްވާމީ މުޢާހަދާކަމުގައިވާ "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީ.އާރް.ސީ)" އަށް އަހުލުވެރިކުރުން ފަދަ މުހިންމުކަމެއްކަމުގައެވެ.

މީގެއިތުރުން ހަމަހަމަކަމާއި، އަންހެނުންގެ ޙައްޤުތަކާ ގުޅޭގޮތުން ހޭލުންތެރި، އަދި ބާރުވެރި އަންހެން ދަރިންތަކެއް ތަރުބިއްޔަތު ކުރުމަކީ އަނިޔާއާއި ތަފާތުކުރުމުން ލިބޭ ގެންލުންތަކުން އެ ކުދިން ސަލާމަތްކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅުކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. ހަމަ މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެ ކަމަނާ ވިދާޅުވީ، އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން ފިރިހެން ކުދިން ހޭލުންތެރިކުރުވުމަކީ ވެސް އަންހެނުންނާ މެދު ކުރެވޭ ނޭދެވޭ ތަފާތުކުރުންތައް ނައްތައިލުމަށް އެޅޭ ބިންގަލެއްކަމުގައެވެ.

ހަމަ އެއާއެކު، ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން ކުދިން ހޭލުންތެރިކުރުމަށް ބައެއް ޢާއިލާތަކުން ޖެހިލުންވާކަން ވެސް އެ ކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ އެއް ސަބަބުކަމުގައި ބެލެވެނީ، ޙައްޤުތަކާ ގުޅިގެން ކުދިން ބާރުވެރިކުރުވުމަކީ އެ ކުދިންގެ އަޚްލާޤަށް ނޭދޭވޭ އަސަރު ކުރުވާނެ ކަމެއްކަމުގައި ދެކޭތީކަމަށާއި، މިކަމަށް އޮތް ޙައްލަކީ ލިބިފައިވާ ކޮންމެ ޙައްޤަކާއެކު ޒިންމާއެއްވާކަން ކުޑަކުދިންނަށް ޢަމަލާއި ބަހުން ދެއްކުންކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

ފަސްޓް ލޭޑީ ވިދާޅުވީ، ސީޑޯ މުޢާހަދާގެ މައްޗަށް އަންހެން ކުދިންނާއި ފިރިހެން ކުދިން އަހުލުވެރިކުރުވުމަކީ އެ ކުދިންގެ އަސާސީ ޙައްޤުތައް ކަށަވަރުކުރުމަށް އެކި އުމުރުގެ ހުރިހާ ކުދިންނަށް ދެވޭ ހިތްވަރެއްކަމުގައެވެ. އަދި ކޮންމެ އަންހެން އަދި ފިރިހެން ކުއްޖަކަށް އެ ކުއްޖެއްގެ ޙައްޤު މަޤާމު ޢާއިލާއާއި މުޖުތަމަޢުގައި ހޯދުމަށް ދެވޭ ވަސީލަތެއްކަމަށާއި، ހަމަހަމަކަމާއި، އަންހެނުންގެ ޙައްޤުތަކާ ގުޅޭގޮތުން ހޭލުންތެރި ބާރުވެރި އަންހެން ދަރިން ތަރުބިއްޔަތު ކުރުމަކީ އަނިޔާއާއި ތަފާތުކުރުމުން ލިބޭ ގެންލުންތަކުން އެ ކުދިން ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން އެ ކަމަނާ ފާހަގަކުރެއްވެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *