މަޝްހޫރު ވީޑިއޯ ޝެއަރިންގ ސޯޝަލް ނެޓްވޯރކް ޓިކްޓޮކް ބޭނުންކުރުން ޕާކިސްތާނުގައި މަނާކޮށްފިއެވެ. އެގައުމުގެ ޓެލެކޮމް އޮތޯރިޓީއިން ވަނީ ހުކުރު ދުވަހުގެ ވަގުތެއްގައި ޓިކްޓޮކް އެގައުމުގައި ބްލޮކްކޮށްފައެވެ. 

ޕާކިސްތާނުން ޓިކްޓޮކް ބްލޮކްކުރީ އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު މަންޒަރާއި އަޑު ހިމެނޭ ކޮންޓެންޓް ފިލްޓަރ ކުރަން ޓިކްޓޮކަށް އެންގުމުން އެކަން އެގޮތަށް ކޮށްފައި ނުވާތީއެވެ. ޕާކިސްތާނުގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއިން ވަނީ ތަފާތު އެކި ފަރާތްތަކުން ޓިކްޓޮކަށް އަޕްލޯޑްކުރެވޭ އެގައުމުގެ އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު މަންޒަރާއި އަޑު ހިމެނޭ ވީޑިއޯގެ ޝަކުވާތައް ލިބެމުންދާ ކަމަށް ބުނެފައެވެ. އަދި މި މިފަދަ ކޮންޓެންޓް ފިލްޓަރ ކުރުމަށް ޓިކްޓޮކުން ހާއްސަ ފިޔަވަޅުތަކެއް އަޅައިފިނަމަ އެ އެޕް ބޭންކުރުމަށް ނިންމި ނިންމުން ރިވިއު ކުރާނެ ކަމަށް ވެސް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ. 

މިކަމާއި ގުޅިގެން ޓިކްޓޮކުން ބުނީ އެ ކުންފުނިން މަސައްކަތްކުރަނީ އަބަދުވެސް ގައުމުތަކުން ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ. އަދި ޕާކިސްތާނުގެ ޓެލެކޮމް އޮތޯރިޓީއާއެކު މަޝްވަރާކުރަމުންދާ ކަމަށާއި މި މައްސަލައިގައި ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. 

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގްބޫލުކަމެއް ހޯދި ޓިކްޓޮކާއި ދެކޮޅަށް ގިނަ ގައުމުތަކަކުން ފިޔަވަޅު އަޅާފައިވެއެވެ. އެގޮތުން އެ އެޕް މެދުވެރިކޮށް ޗައިނާއިން ޖާސޫސު ކުރާ ކަމަށް ތުހުމަތުކުރެވެއެވެ. މި މައްސަލައިގައި އިންޑިއާއިން ވަނީ ޖޫން މަހު އެގައުމުގައި ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފައެވެ. ހަމައެގޮތަށް އެމެރިކާއިން ވެސް އަންނަނީ ޓިކްޓޮކް ބޭންކުރުމަށް މަސައްކަތް ކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *