އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންގެ ކަންބޮޑުވުންތައް ހައްލު ކުރަން ދަތިތަކެއް ހުރި ކަމަށާއި އެހެން ނަމަވެސް އެ މައްސަލަ ހައްލު ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

ހަސަން މިހެން ވިދާޅުވީ އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުން އެ ކޯސްތައް ހިނގާ ގޮތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. އެގޮތުން ދޮޅު އަހަރު ތެރޭ ނިންމާލެވޭ ކޯސްތައް ތިން އަހަރަށް ވުރެ ގިނަ ދުވަސްވާއިރު ވެސް ނުނިމި ފައިސާ ދައްކަން ޖެހޭ މައްސަލާގައި އެ ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

އެކަމާ ގުޅިގެން މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރާ ސުވާލު ކުރައްވައިފަ އެވެ. އަދި އޭނާ ދެއްވި ޖަވާބުގެ ފޮޓޯއެއް ޓުވީޓު ކުރައްވާފަ އެވެ.

އެގޮތުން އެ މައްސަލާގައި ޑރ. ހަސަން ވިދާޅުވެފައި ވަނީ އައްޑޫ ފްލައިން ސްކޫލާ ގުޅިގެން ދަރިވަރުންގެ ކަންބޮޑުވުންތަކަށް އެކި ގޮތްގޮތުން ހައްލު ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ދާ ކަމަށާއި އެގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ވެސް މިކަން ބެލުމަށް އެދިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ކިޔެވުމަށް ދޫކުރާ ލޯނުގައި އެ ސްކޫލުގައި ކިޔަވަމުންދިޔަ ދަރިވަރުން ރާއްޖެއިން ބޭރުގައި ކިޔެވުމަށް ވެސް ހުއްދަ ދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އައްޑު ފްލައިން ސްކޫލުގެ ދަރިވަރުންގެ ކަންބޮޑުވުންތައް އެ ސްކޫލާ އެކި ފަހަރުގެ މަތިން ހިއްސާކޮށް ހައްލު ހޯދައިދިނުމަށް އެދިފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ. އެގޮތުން އެންމެ ފަހުން އެ ސްކޫލާ އެކު ބޭއްވި ބައްދަލުވުމުގައި، ކުރީ ސަރުކާރުގެ އެދުމުގެ މަތިން ޖާގައަށް ވުރެ ގިނަ ދަރިވަރުން ނެގި ކަމަށް އެ ސްކޫލުން ބުނި ކަމަށާއި އެހެން ނަމަވެސް އެއްވެސް ދަރިވަރަކަށް ކޯސް ފުރިހަމަ ކުރުމަށް ދައްޗެއް ކުރިމަތި ނުވާނެ ކަމަށް ވެސް އެ ސްކޫލުން ބުނި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ލިބޭ ޝަކުވާއިން މިއީ ތެދު މައުލޫމާތެއް ކަމަށް ޝައްކު އުފެދޭތީ މިކަމާ ގުޅުން ހުރި ލިޔުންތައް ހުށަހެޅުމަށް އެ ފަރާތުގައި އެދިފައިވާނެ. އެހެން ނަމަވެސް ޖަވާބެއް ލިބިފައި ނެތުމުން މިދިޔަ ހަފްތާގައި ވެސް އެފަރާތާއި މުއާމަލާތްކޮށް މައުލޫމާތު ހުށަހެޅުމަށް ފުރުސަތު ދެވުނު،" މިނިސްޓަރު ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ މިއަދާ ހަމަޔަށް ވެސް ފުރިހަމަ ލިޔެކިޔުން ހުށަހަޅާފައި ނުވާތީ މި މައްސަލަ ބެލުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް މިކަމާ ގުޅިގެން ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން މަސައްކަތް ކޮށް އަވަސް ހައްލެއް ހޯދައިދޭނެކަމުގެ ޔަގީކަން އަރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.