ކޮވިޑް-19 އިގެ ޓެސްޓް ސާމްޕަލް ނަގަން ހުރި ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ)ގެ މީހަކަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ހަމަލާދިން މައްސަލާގައި ޖިނާއީ ކުށެއް ހިމެނޭ ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

މާފަންނު މަދަރުސާގައި ކޮވިޑް-19 ޓެސްޓު ހެދުމަށް އިކްރާމް ގޮސް އެތަނުގައި އެކަން ކުރަން ހުރި މީހަކާ މާރަމާރި ހިންގި ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. މި މައްސަލަ ފުލުހުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ މައްސަލައާ ގުޅިގެން އިކްރާމް ވިދާޅުވެފައި ވަނީ ހަމަލާއެއް ދީފައި ނުވާނެ ކަމަށާއި އަނިޔާވެރި ގޮތަކަށް ޓެސްޓު ސާމްޕަލް ނެގުމުން އަތް ދުރަށް ޖައްސާލާފައި ނަން އެހި ކަމަށެވެ.

އެކަން ފާހަގަ ކުރައްވާ އުޝާމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާރާމާރީއަކަށް ވަނީ ހަމައެކަނި ހަމަލާއެއް ދިނުމެއް ނޫން ކަމަށާއި މީހެއްގެ ހުއްދަނެތި ގައިގަ އަތްލުމަކީވެސް ޖިނާއީ ކުށެއް ކަމަށެވެ.

އެކަމާ ގުޅިގެން މެންބަރު އިކްރާމް އިއްޔެ ވިދާޅުވީ އޭނާ ހުޅުމާލޭ ހޮސްޕިޓަލުން ޓެސްޓު ހައްދާފައިވާ ކަމަށާއި އެއްވެސް އުނދަގުލަކާ ނުލައި އެކަން ކުރެވުނު ކަމަށެވެ. އަދި ތަޖުރިބާ ނެތް ކުދިން ޓެސްޓް ސާމްޕަލް ނަގާނަމަ ރައްޔިތުންނަށް ވޭން އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.