ނަފްސާނީ ބަލިތަކުގެ އަސަރުކޮށްފައިވާ މީހުންނަށް، އެކަމުން އަރައިގަނެވޭނީ މުޅި މުޖުތަމަޢުގެ ހުރިހާ ފަރުދުންގެ އަޅައިލުމާއި އެހީތެރިކަން ލިބިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޑަބްލިއުއެޗްއޯ އިން އިސްނަގައިގެން ހޮނިހިރު ދުވަހުގެ ރޭ "ދަ ބިގް އިވެންޓް ފޮރ މެންޓަލް ހެލްތް" ގެ ނަމުގައި ބޭއްވި ޚާއްޞަ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހަކީ، ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި އިވެންޓްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހި މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން އިސްކަންދޭ އެއް ސަބަބަކީ، ނަފްސާނީ ބަލިތަކަކީ ވެސް އެހެނިހެން ޖިސްމާނީ ބަލިތަކެކޭ އެއް ފަދަ ބަލިތަކަކަށް ވެފައި، ޖިސްމާނީ ދުޅަހެޔޮކަމަކީ ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށް ބިނާވެފައިވާ ކަމަކަށް ވާތީ ކަމުގައެވެ.

ނަފްސާނީ ބަލިތައް ތަޙައްމުލު ކުރަމުންދާ މީހުންނަށް އެކަމުން އަރައިގަތުމާއި، އެފަދަ ބަލިތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ އެކަނިވެރިކަމާއި ބާކީވުމުގެ އިހުސާސުން ދުރުވުމަށް މުޖުތަމަޢުގެ ހުރިހާ ފަރުދުންގެ ވާގިވެރިކަމާއި އެހީތެރިކަން ބޭނުންވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި، އެ މަނިކުފާނު ވަނީ، މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން އަހައްމިއްޔަތުކަން ދެއްވާ މިންވަރަށް އަލިއަޅުއްވައިލައްވާ، ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާ ދިނުމަށް އެކަށީގެންވާ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ކޯވިޑް-19 ގެ ހާލަތަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވާ ފަރާތްތަކުގެ ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި، ޚާއްޞަކޮށް، މި ބަލިމަޑުކަމާއި ގުޅިގެން ސައިކޯ-ސޯޝަލް ސަޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ބޭފުޅުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ނަފްސާނީ ބަލިތަކަކީ ވެސް ކަންބޮޑުވާންޖެހޭ ފަދަ "ސީރިއަސް" ބަލިތަކެއްކަމުގައި ވިދާޅުވެ، ރައީސް ވަނީ އެފަދަ ބަލިތަކުގެ އަސަރުކޮށްފައިވާ މީހުންނަށް މުޖުތަމަޢުގެ ހުރިހައި ފަރުދުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާނެކަން ހަނދުމަކޮށްދެއްވާފައެވެ. އަދި، މިފަދަ ބަލިތައް ތަޙައްމުލުކުރަމުންދާ މީހުންނަށް ބޭނުންވާ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުން ދެމިއޮންނާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހުގެ އިތުރުން މި އިވެންޓްގައި ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ތެރޭގައި ޑަބްލިޔު.އެޗް.އޯ. ގެ ޑިރެކްޓަރ-ޖެނެރަލާއި، އ.ދ. ގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން، ޑަބްލިޔު.އެޗް.އޯ. ގެ ބައެއް ގުޑްވިލް އެމްބެސެޑަރުންނާއި، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމާއި، މިކަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ އިސްވެރިންނާއި، ބައެއް ޤައުމުތަކުގެ އިސް ލީޑަރުން ހިމެނިވަޑައިގަންނަވައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.