ޅ.އަތޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި މިނިސްޓްރީ އޮފް އެންވަޔަރަމެންޓުން ހަމަޖައްސައިފިއެވެ. މިއީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ މިނިސްޓްރީއަށް ލިބިދޭ ބާރުގެދަށުން ނިންމާފައިވާ ނިންމެވުމެކެވެ. 

އެގޮތުން މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި 8 އޮކްޓޯބަރު 2020 އިން ފެށިގެން ފާދިއްޕޮޅު (ޅ.އަތޮޅު) މާގަނޑު ތިލަ (އެނިމޯން ތިލަ) ސަރަހައްދާއި، ސެއްޅިފުށި - ހިރިޔަދޫ ސަރަހައްދު، މާކޯ ސަރަހައްދާއި، ވައްވަރާއި ދަނޑިފަޅު ފިނޮޅާއި ދަނޑިފަޅު ކަނޑުއޮޅި ސަރަހައްދު އަދި ދަށުގި ފިނޮޅު ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ވަނީ ހަމަޖައްސާފައެވެ. 

މިނިސްޓްރީ އޮފް އެންވަޔަރަމެންޓުން ކުރިން ހާމަކޮށްފައިވާ ގޮތުގައި މި ސަރަހައްދުތައް ހިމާޔަތްކުރަން ނިންމީ މިއީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ސަރަޙައްދުތަކަކަށް ވުމުންނެވެ. މި ސަރަހައްދުތައް ކަނޑައެޅުމުގައި އެންމެ މުހިންމު އެއް އަސާސަކީ، ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މަޢުލޫމާތު (ޓްރެޑިޝަނަލް ނޮލެޖް) އާއި، ލިބެންހުރި ދިރާސާ ރިޕޯޓުތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބުނު މަޢުލޫމާތުތަކެވެ.

މި ތަންތަން ހިމާޔަތްކުރުމުގެ ކަންކަން ކުރިއަށް ގެންދަވާއިރު، ފާދިއްޕޮޅުގެ ޢުމްރާނީ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކަށް ހުރަސްނޭޅޭނެ ފަދަ ގޮތަކަށް ކަންކަން ހަމަޖައްސަވާނެކަމަށްވެސް އެނަވަޔަރަމަންޓް މިނިސްޓަރު ވަނީ ކުރިން ވިދާޅުވެފައެވެ. އަދި މިތަންތަން ހިމާޔަތްކުރުމުން މިކަމުގެ ފައިދާ އަންނަން އޮތް ޖީލިތަކަށް ލިބުމާއެކު، އެކޯ ޓޫރިޒަމާއި، އިންޓަރގްރޭޓެޑް ޓޫރިޒަމާއި، ދިރުން ހުރި އިޤްތިޞާދީ ހަރަކާތްތަކަށް މަގުފަހިވެގެންދާނެކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓަރު ފާހަގަކުރެއްވާފައިވެއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ މަތިން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 14 ސަރަހައްދަކާއި އައްޑޫ ސިޓީގެ 4 ސަރަހައްދަކާއި، ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަޙައްދު ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅުއްވައި ގެޒެޓްކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *