ސުއަރޭޒް ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނި - ފޮޓޯ: އެޓްލެޓިކޯ / ޓުވިޓަރ

ސްޕެނިޝް ލަލީގާގައި ސެލްޓަ ވިގޯ އަތުން 1-2 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިވެ، ލީގު ކާމިޔާބުކުރަން އެޓީމު ކުރަމުންދިޔަ ބުރަ މަަސައްކަތް ފެނަށް ގޮސްފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ބާސާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ސެލްޓަގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފެއްދުމަށް މަސައްކަތް ކޮށްފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާސާއިންނެވެ. މި ލަނޑު ސާޖިއޯ ބުސްކެޓްސްގެ އެހިީތެރިކަމާއެކު ކާމިޔާބުކުރީ ލިއޮނެލް މެސީއެވެ. މި ލަނޑާއެކު ސެލްޓައިން އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށް، ކުރިޔަށް ޖެހި ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން އިއާގޯ އަސްޕަސްގެ އެހީތެރިކަމާއެކު ސަންޓީ މީނާ ކާމިޔާބުކުރި ލަނޑުން ސެލްޓާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިއާއެކު ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ބާސާއިން އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަ ކޮށްފައިވާއިރު، ކުރިޔަށް ޖެހި ސެލްޓާގެ ގޯލު ފޫ އަޅުވާލަން އެޓީމު ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ބާސާއަށް ހުރަސްތަކާ އިތުރަށް ކުރިމަތިވީ 83 ވަނަ މިނެޓުގައި އެޓީމުގެ ލެންގްލެޓްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

މިއާއެކު، މެޗުގެ ބާކީ އޮތް ވަގުތުކޮޅު ބާސާއިން 10 ކުޅުންތެރިންނާއެކު ކުޅެފައިވާއިރު، ސެލްޓައިން ވަނީ މެޗު ނިމެން މިނެޓެއް ވެފައި ވަނިކޮށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ. މިއާއެކު މެޗުގެ އެންމެ ފަހު ކަށިގަނޑާ ޖެހެންދެން ސެލްޓައިން ވަނީ ބާސާ ހިފަހައްޓާފައެވެ.

ލީގުގައި ބާކީ އެންމެ މެޗެއް އޮތްއިރު، ބާސާ އޮތީ އެއްވަނައިގައި 83 ޕޮއިންޓާއެކު އޮތް އެޓްލެޓިކޯއަށް ވުރެ 7 ޕޮއިންޓް މަދުން ލިބިގެން ތާވަލުގެ ތިންވަނައިގައެވެ. މެޗުން މޮޅުވި ސެލްޓަ އޮތީ 53 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 8 ވަނައިގައެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން އެޓްލެޓިކޯ ވަނީ ފަހަތުން އަރައި 1-2 ގެ ނަތީޖާއިން އޮސަސޫނާގެ ބަލިކޮށްފައެވެ. އެޓްލެޓިކޯ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅެފައިވަނީވެސް އެޓީމުންނެވެ.

އެގޮތުން އެޓްލެޓިކޯ އިން ވަނީ ފުރަތަމަ ހާފްގައި ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތައް ތަނަވަސް ކޮށްފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓްލެޓިކޯއަށް ހިފިފައި ނުވާއިރު، ފުރަތަމަ ހާފް ނިމިފައިވަނީ 0-0 ގެ ނަތީޖާއިން ދެޓީމުވެސް އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން އެޓްލެޓިކޯއިން އެޓީމުގެ އެޓޭކްތައް އިތުރުކުރި ނަމަވެސް، އޮސަސޫނާއިން ވަނީ މެޗުގެ 75 ވަނަ މިނެޓުގައި ލީޑު ނަގާ، އެޓްލެޓިކޯ ހާސްކޮށްލާފައެވެ. ނަމަވެސް މި ސީޒަނުގެ ލީގުގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އެޓްލެޓިކޯ އިން ވަނީ ރެނަން ލޮޑީ އާއި ލުއިސް ސުއަރޭޒް ފަހުވަގުތު ކާމިޔާބުކުރި ދެ ލަނޑުން މެޗުގެ ލީޑު ނަގާފައެވެ.

މި ނަތީޖާއާއެކު ބާކީ އެއް މެޗު އެޓްލެޓިކޯއަށްވެސް އޮތްއިރު، އެޓީމު އޮތީ 2 ޕޮއިންޓްގެ ފަރަގަކާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން މޮޅުވި އޮސަސޫނާ 37 މެޗުން 44 ޕޮއިންޓް ހަމަކޮށްފައިވާއިރު، އެޓީމު އޮތީ 11 ވަނައިގައެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ރެއާލް މޮޅުވީ އެތުލެޓިކް ކްލަބާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

ރެއާލްގެ ފަރާތުން ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 68 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޑިފެންޑަރ ނެޗޯއެވެ. މީގެއިތުރުންވެސް ލީޑު ފުޅާކުރަން ރެއާލްއަށް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މުޅި މެޗުގައިވެސް ބޮޑަށް ޑިފެންސަށް އިސްކަން ދީގެން ކުޅނު އެތުލެޓިކުން ހަމަލާތަކެއް އުފައްދާ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ހޯދާފައިވާއިރު، އެ ފުރުސަތުތަކުގެ ބޭނުމެއް އެޓީމަށް ނުހިފެއެވެ. އަދ މެޗުގެ ފަހު މިނެޓުގައި އެތުލެޓިކް ކްލަބްގެ ރައުލް ގާސިއާއަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދެއްކުމަށްފަހު ދަނޑުން ފޮނުވާލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *