ރެޕިޑް އެންޓިޖެން ޓެސްޓް ކުރުމުގަ ހުއްދަދީ، އެ ޓެސްޓް ހެދުމުގައި އަމަލުކުރަންވީ އުސޫލު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ. 

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، އެންޓިޖެން ޓެސްޓުގެ ނަތީޖާ ބޭނުން ހިފޭގޮތް ބިނާވެފައި އޮންނާނީ ހަށިގަޑުގައި ބަލީގެ ވައިރަސްހުރި ހާލަތުގެ މައްޗަށެވެ. މިގޮތުން، ނަތީޖާގެ އިތުބާރު ބޮޑުވެ، ރަނގަޅު ނަތީޖާއެއް ދައްކާނީ ހަށިގަނޑުގައި އިންފެކްޝަން ބޮޑަށް ހުއްޓާ ޓެސްޓް ކުރުމުންނެވެ. 

އެގޮތުން، އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި މި ޓެސްޓް ކުރަންވާނީ ކޮވިޑް-19ގެ އަލާމާތްތައް ބަލި މީހާގެ ކިބައިން ފެންނަން ފަށާތާ 7 ދުވަހުގެ ތެރޭގައެވެ. ބަލީގެ އަލާމާތްތައް ފެންނަން ފެށިތާ 5 ދުވަސް ފަހުން ހަދާ ޓެސްޓް ނެގެޓިވް ވި ކަމުގައިވާނަމަވެސް، ޕީސީއާރު ޓެސްޓުހަދައި ނަތީޖާ ކަށަވަރުކުރަންޖެހެއެވެ. 

އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ، ބޭނުންކުރާ ކިޓަކީ ޑަބްލިއު.އެޗް.އޯ ނުވަތަ އެމެރިކާގެ އެފް.ޑީ.އޭ އިން  އެޕްރޫވްކޮށްފައިވާ ކިޓަކަށް ވާންވާނެ ކަމަށާއި، ޓެސްޓު ކުރަންވާނީ މިނިސްޓްރީ އޮފް ހެލްތުގައި ރަޖިސްޓްރީކޮށްފައިވާ ސިއްހީ ހިދުމަތްދޭ ތަނެއްގައި އެކަނި ކަމަށެވެ. 

އަދިވެސް އެޗްޕީއޭ އިން ބުނެފައިވަނީ ކޮވިޑް-19 ފެތުރެމުންދާ ރަށެށްގައި ނުވަތަ ތަނެއްގައި، މި ޓެސްޓް ބޭނުންކުރަންވާނީ އެތަނެއްގައި ހުންނަ ސިއްހީ ހިދުމަތްދޭ ތަނަށް އަންނަ ކޮވިޑް-19ގެ އަލާމާތްތައް ފެންނަ ބަލިމީހުން ޓެސްޓްކުރުމަށް ކަމަށާއި، މި ގޮތަށް ޓެސްޓް ކުރުމުގައި އިތުރު ހުއްދައެއް ބޭނުމެއް ނުވާނެކަމަށެވެ.

އެޗްޕީއޭއިން ހަމަޖައްސައިގެން ޓެސްޓް ކުރެވޭނެ ހާލަތްތަކެއްވެސް ކަނޑައަޅާފައިވެއެވެ. އެއީ ގިނަ މީހުން އެއްކޮށް އުޅޭ މާހައުލުތަކުގައި ބަލި އުޅޭކަން ބެލެވިގެން އަވަހަށް ދެނެގަތުމުގެ ބޭނުމުގައި ނުވަތަ ސިއްހީ ހިދުމަތްތެރިން ފަދަ މުހިންމު ބައެއް ފަރާތްތަކުގެ މެދުގައި ބަލި ފެތުރިފައިވާ މިންވަރު އަވަހަށް ދެނެގަނެ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ހާލަތުގައެވެ.

އެޗްޕީއޭއިން އާންމުކޮށްފައި މިވާ "ކޮވިޑް-19ގެ ހާލަތުގައި ރެޕިޑް އެންޓިޖެން ޓެސްޓު ހެދުމުގައި އަމަލުކުރަންވީ އުސޫލު" އަކީ ޑަބްލިއު.އެޗް.އޯ އިން ނެރެފައިވާ ލަފަޔަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އުސޫލެކެވެ. މި ޓެސްޓް ހެދަން ފެށުމާއެކު ބަލި އަވަހަށް ދެނެގަތުމުގައި ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *