މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިންގާ ފިޔަވަތީގައި ދިރިއުޅެމުންދާ 8 ކުއްޖަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް އެ މިނިސްޓްރީއިން ބުނެފިއެވެ. 

މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި، ފިޔަވަތީގައި ކޮވިޑް ފެތުރެން މެދުވެރިވި ސަބަބަކީ މުވައްޒިފަކު ކޮވިޑަށް ޕޮޒިޓިވްވެގެންނެވެ. އެގޮތުން، ފިޔަވަތީގައި މަސައްކަތްކުރާ މުވައްޒިފެއްގެ ކިބައިން ރޯގާގެ އަލާމާތްތައް ފެނި، ފްލޫ ކްލިނިކްއަށް ދައްކާ ޓެސްޓް ކުރުމުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ. 

މިއާއެކު، އޭނާ މަސައްކަތްކުރަމުންދާ 10-13 އަހަރާ ދެމެދުގެ ކުދިން ބަހައްޓާފައިވާ ފަންގިފިލާ ކަރަންޓީނު ކުރެވި، އެތަނުގައި ބައިތިއްބާފައިވާ ކުދިން ޓެސްޓް ކުރެވުނު ކަމަށާ އޭގެތެރެއިން 8 ކުދިން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ. 

މިނިސްޓްރީއިން މައުލޫމާތުދީފައިވާ ގޮތުގައި، ޕޮޒިޓިވްވި ކުދިންގެ ތެރޭގައި ރިސްކް ކެޓެގަރީގެ އެއް ކުއްޖަކު ހިމެނެއެވެ. އެ ކުއްޖާ ކެއާރވޯކަރަކާއެކު ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަދަލުކުރެވިފައިވާއިރު، އެ ކުއްޖާގެ ހާލު ރަނގަޅެވެ. ފައްސިވި އެހެން ކުދިން އެޗްޕީއޭ އަދި އެޗްއީއޯސީގެ ލަފާގެ މަތިން ފެސިލިޓީއަކަށް ބަދަލުކުރެވިފައިވާއިރު، އެ ކުދިންގެ ހާލުވެސް ރަނގަޅެވެ. 

މިނިސްޓްރީއިން އިތުރަށް ބުނެފައިވަނީ ފިޔަވަތީގައި ޖާގައިގެ ދަތިކަން ހުރުމާގުޅިގެން، އެޗްއީއޯސީ އަދި އެޗްޕީއޭގެ ލަފާގެ މަތިން ޕޮޒިޓިވްވި ފަންގިފިލާގައި ދިރިއުޅޭ 26 ކުދިން ކެއާރވޯކަރުންނާއެކު 3 ފަންގިފިލާއަށްހުރި 12 ކޮޓަރި ހިމެނޭ ތަނަކަށް ބަދަލުކުރުމަށް މިހާރުވަނީ ނިންމާފައެވެ. މިތަނުގައި، ކުދިން ބޭނުންވާ ރައްކާތެރިކަމާއި ތައުލީމީކަންކަން ކަށަވަރުކުރެވޭނެ ކަމުގެ ޔަގީންކަން މިނިސްޓްރީއިން ވަނީ އަރުވާފައެވެ. އަދި ކުދިންގެ ބެލެނިވެރިންނަށް އެ ކުދިންގެ މައުލޫމާތު ދެމުންގެންދާނެކަމުގެ ޔަގީންކަންވަނީ އަރުވާފައެވެ. 

މިހާރު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ތިބީ 1،068 މީހުންނެވެ. އޭގެ ތެރެއިން 63  މީހަަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު 387 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.