ލެސްޓާއިން ފުރަތަމަ ފަހަރަށް އެފްއޭ ކަޕް އުފުލާލަނީ -- ފޮޓޯ: ޓުވިޓަރ

ޗެލްސީގެ މައްޗަށް 0-1 ގެ ނަތީޖާއިން ކުރި ހޯދައި، ތާރީހުގައި ފުރަތަމަ ފަހަރަށް ލެސްޓާ ސިޓީން އެފްއޭ ކަޕް ކާމިޔާބުކޮށްފިއެވެ.

ވެމްބްލީގައި 21،000 ސަޕޯޓަރުން ވައްދައިގެން ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ލީޑު ނެގުމަށް ދެޓީމަށް ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ދެޓީމު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނުއިރު، މިއީ 2016 ވަނަ އަހަރު ކްރިސްޓަލް ޕެލަސްގެ މައްޗަށް މެންޗެސްޓަރ ޔުނައިޓެޑް ކުރިހޯދި ފައިނަލަށްފަހު، ފުރަތަމަ ހާފް އެއްވަރުވެގެން ނިމުނު ފުރަތަމަ އެފްއޭ ކަޕް ފައިނަލެވެ.

މެޗުގެ ދެވަނަ ހާފް ފެށިގެން ޗެލްސީން އެޓީމުގެ ހަމަލާތައް އިތުރު ކޮށް ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި ލެސްޓާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ތޯމަސްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ޓިއެލްމަންސްއެވެ.

މި ލަނޑާއެކު ޗެލްސީން ކުރިޔަށް ޖެހި ހަމަލާތަކެއް އުފައްދާ، ލެސްޓާގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް، ލެސްޓާ އިން ވަނީ މުޅި މެޗުގައިވެސް ޗެލްސީ ހިފަހައްޓާ ރަނގަޅު ޑިފެންސެއް ކޮށްފައެވެ.

މިއާއެކު 52 އަހަރު ފަހުން ލެސްޓާއިން އެފްއޭ ކަޕްގެ ފައިނަލަށް ދަތުރުކޮށް، އެ މުބާރާތް ކާމިޔާބުކޮށްފައިވާއިރު، މީގެ ކުރިން ލެސްޓާއިން އެފްއޭ ކަޕްގެ 4 ފައިނަލްސްއެއްގައި ކުޅެގެންވެސް ވަނީ ބަލިވެފައެވެ.

މީގެއިތުރުން މިއީ 2000 ވަނަ އަހަރުގެ ލީގް ކަޕްގެ ޗެމްޕިއަންކަން ހޯދުމަށްފަހު، ލެސްޓައިން މުބާރާތެއްގެ ފައިނަލުގައި ވާދަކޮށް ކާމިޔާބުކުރި ފުރަތަމަ ފަަހަރެވެ. އަދި މިއީ ޗެލްސީން ދަތުރުކުރި 15 ވަނަ އެފްއޭ ކަޕް ފައިނަލަށްވާއިރު، އެޓީމު ވަނީ 8 ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *