ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމަނިކުފާނު ކަންކަން ކުރައްވަނީ އެކަކު އަނެއްކަށް އެނގިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު މިހެން ވިދާޅުވީ މިރޭ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޮތް ހިސާބު އޮޅުންފިއްލުވުމަށް ނޫސްވެރިޔަކު ސިވާލު ކުރުމުންނެވެ. އަދި، އެ މަސައްކަތް ހުއްޓާލުމަށް ރައީސް ސޯލިހު އެންގެވިތޯ ވެސް އެ ނޫސްވެރިޔާ އެހިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާއި ރައީސް، އެކަކު އަނެއްކަކު ގާތު ކަމެއް ހުއްޓާލުމަށް ނުވަތަ ފެށުމަށް ވިދާޅުވާން ނުޖެހޭނެ ކަމަށެވެ. 

"އަޅުގަނޑުމެން ކަންކަން ކުރަނީ އެކަކު އަނެއްކަކަށް އެނގި ތިބެގެން،" ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ ތެރޭގައި ހިނގަމުންދާ ކަމަށެވެ. އެމްޑީޕީއިން އަބަދުވެސް އެންމެ ވަކާލާތު ކުރާ ކަންކަމަކީ އަނިޔާއާ ދެކޮޅުވުމާއި ކޮރަޕްޝަނާ ދެކޮޅުވުން ކަމަށެވެ. އެހެންކަމުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ދާނަމަ އެމްޑީޕީއިން އެކަމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެމްޑީޕީގެ ތެރޭގައި މިހާރު ވެސް އެ މަގުން އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. 

ރައީސް ނަޝީދު، މިނިސްޓަރު ފައްޔާޒު މަގާމުން ބޭރުކުރަން ބޭނުން ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތައް ބަހައްޓަވާ ކަމަށް ވިދާޅުވެއެވެ. ފައްޔާޒު މަގާމުން އެކަހެރިވުމަށް ވެސް ރައީސް ނަޝީދު އެދިވަޑައިގެންފައިވެއެވެ. ނަމަވެސް ފައްޔާޒު ވަނީ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. 

ފައްޔާޒަކީ ރައީސް ސޯލިހުގެ އެންމެ އަރިސް މިނިސްޓަރެވެ. ފައްޔާޒު ސަލާމަތް ކުރައްވާނެ ކަމަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. މިކަމުގައި ދެ ރައީސުންގެ މެދުގައި ހިޔާލު ތަފާތުވެފައިވަނިކޮށް މިއަދު ދެ ބޭފުޅުން ވަނީ ބައްދަލު ކުރައްވާފައެެވެ. ބައްދަލުވުމަށްފަހު ރައީސް ވިދާޅުވީ އެކުގައި ވަޑައިގަންނަވާނީ ރަނގަޅު މިސްރާބަށް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އޮޑި ނުފެތޭނެ ކަމަށެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.