ރާއްޖޭގައި އިންޑިއާ ސިފައިން ތިބިގެން ހައްދުފަހަނައެޅި މީހުން ނޫން ބަޔަކު ކަންބޮޑުވެގެން އުޅޭ ތަނެއް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު މިހެން ވިދާޅުވީ މިރޭ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ނަޝީދު މީގެކުރިން ވެސް ވަނީ އިންޑިއާ ދެކޮޅަށް ރާއްޖޭގައި މަސައްކަތް ކުރަނީ ހައްދުފަހަނައެޅި ޖަމާއަތްތަކުން ކަމަށް ވިދާޅުވެފައެވެ. 

ރައީސް ނަޝީދު މިރޭ ވިދާޅުވީ "އިންޑިއާ އައުޓް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރަމުން ދަނީ ރާއްޖެ ބާކީކުރުމުގެ ނިޔަތުގައި ކަމަށެވެ. އިންޑިއާ ބޭރުކުރުމަށްފަހު އެހެން ގައުމުތައް ވެސް ބޭރު ކުރާނެ ކަމަށެވެ. އެއީ ހައްދުފަނައެޅި މީހުން ވެރިވެގަތުމަށް އެންމެ ފުރަތަމަ ބޭނުން ކުރާ އުކުޅު ކަމަށެވެ. ގައުމު ބައިނަލްއަގްވާމީ މުޖުތަމައުން އެކަހެރިކޮށްލުން ކަމަށެވެ. 

"ބައްލަވާ ޓްވިޓާގައި އިންޑިއާ އައުޓްއޭ ކިޔާ މީހުން، އެމީހުންގެ ފޮލާވާސް، ފުރަތަމަ އެކައުންޓް ހަދާ ދުވަހު މި ބުނަނީ އިންޑިއާ އައުޓޭ، އެހެންވީމަ އެއީ ދިވެހިންގެ ބޮޑު ބައިވެރިވުމެއް އޮވެގެން ހިނގާ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ ގައުމަށް ގައްދާރުވުމުގެ ނިޔަތުގައި ބަޔަކު ހިންގާ އެކަމުގައި އެއްވެސް ސިޔާސީ ޕާޓީތަކުން ވާގިވެރިނުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ސަރުކާރު ތެރޭގެ އެއްވެސް ޕާޓީއަކުން އެކަމަށް ތާއިދު ނުކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

"ގައުމަށް ނުރައްކާވާ ފަދަ މިފަދަ ކަންކަމަށް އެއްވެސް ބަޔަކު ބާރުދީގެން ނުވާނެ، ނޫންނަމަ އެއީ ހަރުކަށި ޖަމާއަތްތަކަށް ދެވޭ ފުރުސަތެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕެއިންގެ ދަށުން ޒުވާނުންތަކެއް މަގު މައްޗަށް ނުކުތް ނަމަވެސް އެ ޝުއޫރުތައް ގިނަ ދިވެހިންތަކެއްގެ އޮތް ތަނެއް ނުފެންނަ ކަމަށެވެ. ޒުވާނުންގެ ތެރެއިން 250އެއްހާ މީހުން ރާއްޖޭގެ މަސްލަހަތު ނެތް، ގައުމަކަށް މަރު އަތް މައްޗަށް ލައިގެން ހަނގުރާމައަށް ވެސް ދިޔަ ކަމަށާއި އެއީ ގައުމަށް ހެޔޮ އެދޭ ބައެއް ނޫން ކަމަށެވެ. 

"އެ ނޫން ބަޔަކު އިންޑިއާއާމެދު ކަންބޮޑުވެގެން އުޅޭ ތަނެއް ވެސް ނުފެނޭ، އަޅުގަނޑު ވެސް ހަމަ މި ރަށުގައި މި އުޅެނީ، ރައްޔިތުންގެ ޝުއޫރުތައް ވެސް އަޅުގަނޑަށް އެނގޭ، އަޅުގަނޑަކަށް ތިބާވާތުގެ އިހްސާސްތަކެއް ރައްޔިތުންގެ ފަރާތަކުން ފާހަގައެއް ނުކުރެވޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.   

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.