އަބުރާ ބެހުން ޖިނާއީ ކުށަކަށް ހެދުމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިންތައް ހަނިކުރެވިގެންދާނޭކަމަށް މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ. 

އެ އެސޯސިއޭޝަން އިން މިހެން ބުނެފައިވަނީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ބެހޭ ބިލެއް ހުށަހަޅަން ތައްޔާރުވަމުންދާކަން އެޓަރނީ ޖެނެރަލްގެ އޮފީހުން އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ. 

ސަރުކާރުގެ މި ނިންމުމާ ގުޅިގެން އެމްޖޭއޭ އިން ނެރުނު ނޫސްބަޔާނެއްގައި އެ އެސޯސިއޭޝަން އިން ބުނެފައިވާ ގޮތުގައި، ހުށަހަޅަން ގަސްތުކޮށްފައިވާ ބިލާ ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުންތައް ލިބެމުންދާ ކަމަށާއި، އެ އެސޯސިއޭޝަން އިން ދެކޭ ގޮތުގައި އަބުރާ ބެހުން މިހާރުވެސް އޮންނަ ގޮތަށް މަދަނީ ކުށެށްގެ ގޮތުގައި ކަނޑައަޅާފައިބާއްވަން ޖެހޭ ކަމަށެވެ. 

އިތުރަށް އެމްޖޭއޭއިން ބުނެފައިވަނީ، ސަރުކާރުގެ އިދާރާތަކާއި ކުރެވުނު ކުރު މަޝްވަރާތަކުން، މި ބިލުން ނޫސްވެރިކަމަށް ހުރަސް އެޅޭނެ ފަދަ އެއްވެސް ކަމެއް ނުހިމަނާނެ ކަމުގެ ޔަގީންކަން އެ އިދާރާތަކުން ދީފައިވާކަމަށެވެ. އަދި، ބިލު ޑްރާފްޓިން މަރުހަލާގައި ނޫސްވެރިންގެ ހިޔާލު ހޯދާނެ ކަމުގެ ޔަގީންކަންވެސް ލިބިފައިވާކަމަށް އެމްޖޭއޭއިން ވަނީ ބުނެފައެވެ.

މީގެއިތުރުންވެސް، އެމްޖޭއޭ އިން ވަނީ މި ބިލުގެ ސަބަބުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކުރަން މީހުން ފަސްޖެހޭނެ ކަން ފާހަގަކޮށް ބާރުގަދަ ފަރާތްތަކުން، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާނެކަމަށް ބުނެފައެވެ. އަދި ނޫސްވެރިކަމާ ގުޅުން ހުރި ކަންކަން ރެގިއުލޭޓްކުރުމުގައި، ސަރުކާރުގެ ދައުރެއް ނުވަތަ ޖިނާއީ ދައުރެއް އޮތުމުން މިނިވަން ތަހުގީގީ ނޫސްވެރިކަމަށް އޮތް ޖާގަ ހަނިވެގެންދާނޭކަމަށްވެސް ބުނެފައިވެއެވެ.

އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ބެހޭ ބިލަކީ ސަރުކާރުން މި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިން ވަނަ ދައުރަށް ހުށަހަޅަން ނިންމާފައިވާ 28 ބިލުގެ ތެރެއިން ބިލެކެވެ. އަބުރާ ބެހުމަކީ ޖިނާއީ ކުށަކަށް މީގެ ކުރިން، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ހެދިއެވެ. އެހެންނަމަވެސް، ނޫސްވެރިކަމުގެ މިނިވަންކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށްބުނެ މި ސަރުކާރުން އެ ބިލް އުވާލީއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.