ލ.ގަން ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ދިނުމަށް ބޭނުންވާ މެޝިން އިންސްޓޯލްކޮށް ނިމިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. 

ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި، ސީޓީ ސްކޭންގެ ހިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ ބޮޑެތި މަސައްކަތްތައް ނިމި، މެޝިންވެސް އިންސްޓޯލްކުރެވިފައިވާ ކަމަށެވެ. އަދިވެސް އެ ހޮސްޕިޓަލުން ބުނެފައިވަނީ އިއްޔެ މެޝިން ޓެސްޓް ކުރެވިފައިވާ ކަމަށާއި، ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ބޮޑު މަސައްކަތެއް ނިމިފައިވަނީ ހޮސްޕިޓަލުގެ މުވައްޒިފުންގެ އެއްބާރުލުމާއި ބުރަ މަސައްކަތުން ކަމަށެވެ. ގަމު ހޮސްޕިޓަލުން ވަނީ އެ ހޮސްޕިޓަލްގެ ތަރައްގީއާ ކުރިއެރުމަށް ގަމު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ވިސާމް ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކޮށް، އެ މަސައްކަތުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.  

ސީޓީ ސްކޭން މެޝިން އިންސްޓޯލް ކުރެވުމުން އެކަމުގެ އުފާފާޅުކުރައްވާ ގަމު ދާއިރާގެ މެންބަރު ވިސާމް ވިދާޅުވެފައިވަނީ، ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް ރައީސް ސޯލިހުގެ ސަރުކާރުން ގެންނަވަމުންދާ ކަމަށެވެ. އަދި ލާމު ގަމު ހޮސްޕިޓަލުން ސީޓީ ސްކޭން ހިދުމަތް ފެށުމަކީ އެކަމުގެ ހެއްކެއްކަމަށެވެ. މީގެ އިތުރުންވެސް، ވިސާމް ވިދާޅުވީ ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލްތަކުގެ ވައުދު ރަނުން ރަނަށް މި ސަރުކާރުން ފުއްދަވާނެކަމަށެވެ.

ގަމު ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އަދި ގަން ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ޓަރޝިއަރީ ހޮސްޕިޓަލެއްގެ ފެންވަރަށް ގެނައުމަކީ ލާމަރުކަޒީ ސިއްހީ ނިޒާމެއް ގާއިމްކުރުމަށް މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ބައެކެވެ. މިގޮތުން މިއަހަރުގެ މެދު ތެރޭގައި، ހޮސްޕިޓަލަށް ބޭނުންވާ ޑިޖިޓަލް އެކްސްރޭ އާއި ކަށީގެ ފަރުވާ އާއި ލޮލުގެ ފަރުވާއަށް ބޭނުންވާ ވަސީލަތްތައް ވަނީ ފޮނުވާފައެވެ. އަދި ކުޑަކުދިންނަށް ހާއްސަ ވެންޓިލޭޓަރެއްވެސް ފޮނުވާފައިވެއެވެ.

މިހާރުވެސް 11 ދާއިރާއެއްގެ ހާއްސަ ޑޮކްޓަރުން ގަމު ހޮސްޕިޓަލުގައި ތިބެއެވެ. އެހެންނަމަވެސް، ގަން ރީޖަނަލް ހޮސްޕިޓަލަކީ ގިނަ ބަޔަކު ދައްކަން އަންނަ ހޮސްޕިޓަލެއް ކަމުން، އެތަނުގެ ފެންވަރު މަތިކޮށް، ލިބޭ ހިދުމަތްތައް އިތުރުކޮށް ހޮސްޕިޓަލު އަދިވެސް ބޮޑުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.