ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅާ ގުޅޭގޮތުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އާންމުންނަށް ހުޅުވާލައިފިއެވެ. 

އެންއައިސީއަށް އައްޔަންކުރުމަށް ރައީސް ފޮނުއްވާފައިވަނީ ޤާސިމް ޢަބްދުލްކަރީމް (ނިކަގަސްދަށުގެ / ޅ.ނައިފަރު) އެވެ. ރައީސް ފޮނުއްވާފައިވާ ނަމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަަސާތަކުގެ ކޮމިޓީއަށް ފޮނުއްވާފައިވަނީ 5 އޮކްޓޯބަރު 2020 ގައެވެ. 

ޤާސިމް ޢަބްދުލްކަރީމްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައުލޫމާތު ލީކުކޮށްލި ފަރާތެކެވެ. އެގޮތުން، ފ.ނިލަންދޫ ބްރާންޗުގެ މެނޭޖަރުގެ މަގާމުގައި ހުންނަވައިގެން އެމްއެމްޕީއާރްސީގެ މައުލޫމާތު ލީކުކުރުމުން، 1 އަހަރާއި 4 މަހުގެ ޖަލުހުކުމެއްވެސް ޤާސިމްއަށް އައެވެ. ޤާސިމް ޖަލުން މިނިވަންވީ 2017ގައެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ޤާސިމް އާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ 12 އޮކްޓޯބަރު 2020 ވާ ހޯމަ ދުވަހުގެ 14:00އަށެވެ. 

އެންއައިސީ އަކީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. އެ ކޮމިޝަނުގެ މެންބަރަކަށް މިހާރު ހުރީ ކާނަލް ރިޓަޔަރޑް އަހްމަދު ޖިހާދު އެކަންޏެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.