ދަރުމަވަންތަ ހޮސްޕިޓަލް -- ފޮޓޯ: ދުވަސް

ކޮވިޑަށް ދަރުމަވަންތަ ހޮސްޕިޓަލުން ފަރުވާދެމުންދިޔަ މީހަކު މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގި ފިލާއިގައި ކޮވިޑަށް ފަރުވާދެމުންދިޔަ 63 އަހަރުގެ އަންހެނަކު މަރުވެފައިވާ ކަމަށާއި، އޭނާ މަރުވީ މިރޭ 11:53 ކަމަށެވެ.

މިއީ ކޮވިޑު ޖެހިގެން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި މަރުވި 5 ވަނަ މީހާއެވެ. އޭގެ ތެރޭގައި ހިމެނެނީ ރޭ ދަންވަރު 02:24 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަރުވި 86 އަހަރުގެ ދިވެހި ފިރިހެނަކާއި، އިއްޔެ ހެނދުނު 06:30 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަރުވި 64 އަހަރުގެ ދިވެހި ފިރިހެނަކާއި، އިއްޔެ ހެނދުނު 09:03 ގައި ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި މަރުވި 86 އަހަރުގެ އަންހެން މީހާ އަދި މިއަދު މެންދުރު 12:48 ގައި އިޖީއެމްއެޗް ހޮސްޕިޓަލުގެ އެމަޖެންސީ ރޫމަށް ގެނެސް ފަރުވާ ހޯދަނިކޮށް މަރުވި 78 އަހަރުގެ ދިވެހި ފިރިހެނަކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު 92 އަށް އަރާފައިވާއިރު، މި ބަލީގައި ރާއްޖެއިން މަރުވާ މީހުންގެ އަދަދު ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި ވަނީ ކަންބޮޑުވާ ދަރަޖައަށް އިތުރުވެފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން މިއަދު 1,467 މީހުން ކޮވިޑާސް ޕޮޒިޓިވް ވެފައިވާއިރު، ފާއިތުވި 24 ގަޑިއިރުތެރޭގައި 5,037 ސާމްޕަލް ނަގާފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ޕޮޒިޓީވްވި 1،267 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓީވްވި މީހުން ކަމަށްވެސް އެ އެޖެންސީން މައުލޫމާތު ދެއެވެ.

ރާއްޖެއިން ކޮވިޑް-19 ގައި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު މި ބަލި ކޮންޓްރޯލް ނުކުރެވި އަދިވެސް އަންނަނީ ހަލުވި މިނެއްގައި ފެތުރެމުންނެވެ. އެގޮތުން މިވަގުތު ވެސް މި ބަލީގައި ރާއްޖެއިން 13،700 އަށްވުރެ ގިނަ މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *