ލޯކަލް ކައުންސިލްތަކުގައި އަންހެނުންނަށް 33 ޕަސެންޓް ގޮނޑި ހާއްސަ ކުރުމަކީ ޖިންސީ ތަފާތު ކުރުން ނޫން ކަމަށް ބަންޑާރަ ނައިބުގެ ފަރާތުން ހައިކޯޓުގައި ބުނެފިއެވެ. 

ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަކޮށް ވަކި ދާއިރާތަކެއް ކަނޑައަޅައި އެއީ ހަމައެކަނި އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް ހަދަން މަޖިލީހުން ވަނީ ގާނޫނެއް ފާސްކޮށްފައެވެ. އެކަން އުވާލުމަށް މޫސާ އަންވަރު ވަނީ ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ. 

އެ މައްސަލާގައި ދައުލަތުގެ ފަރާތުން ޖަވާބުދާރީވަމުން މިއަދު ބަންޑާރަ ނައިބު އޮފީހުގެ ވަކީލް ވިދާޅުވީ މީގެކުރިން ބޭއްވި ކައުންސިލްގެ އިންތިހާބުތަކަށް ބެލުމުން ވެސް އިންތިހާބުވީ އަންހެނުންގެ އަދަދު ވަރަށް މަދު ކަމަށެވެ. އަދި، ރާއްޖޭގައި އަންހެނުންނަށް ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދޭން ޖެހޭ ކަމަށް ޔޫއެންޑީޕީއިން ވެސް ހުށަހަޅާފައިވާ ކަމަށް ވަކީލް ވިދާޅުވިއެވެ. އަންހެނުންނަށް ކައުންސިލްތަކުގައި ގޮނޑިތަކެއް ހާއްސަކުރުމަކީ ރައްޔިތުންނަށް ހުށަހެޅި މެނިފެސްޓޯއެއްގައި ހިމެނޭ ވައުދެއްކަން ވެސް ފާހަގަ ކުރެއްވިއެވެ. 

އެގޮތުގެ މަތިން މަޖިލީހުން އެކަމަށް ބިލެއް ފާސްކޮށް ރައީސް ތަސްދީގު ކުރުމާއެކު އަންހެނުންނަށް ގޮނޑި ހާއްސަ ކުރެވިފައިވާ ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް ގާނޫނު އަސާސީއާ ހިލާފު ކަމެއް ނޫން ކަމަށް ގިނަ ހެކިތަކެއް ދައްކަވަމުން ވަކީލް ވިދާޅުވިއެވެ. 

މައްސަލަ ހުށަހެޅުއްވި މޫސާ އަންވަރު ބަޔާން ކުރައްވާ ގޮތުގައި އެކަމަކީ ގާނޫނު އަސާސީގެ 17 އަދި 20 ވަނަ މާއްދާއާ ހިލާފު ކަމެކެވެ. މިކަމުގެ ސަބަބުން ތަފާތު ނުކުރުމުގެ ހައްގު ގެއްލިގެން ގޮސް ފިރިހެނުންގެ ހައްގުތައް ގެއްލި އެމީހަކު ބޭނުންވާ ވަޒީފާއެއް އަދާކުރުމުގެ ހައްގު ވެސް ގެއްލިގެންދެއެވެ. 

ބަންޑާރަ ނައިބުގެ ވަކީލް ވިދާޅުވީ އަންހެނުންނަށް ކައުންސިލްގައި ގޮނޑިތަކެއް ހާއްސަ ކުރުމަކީ ތަފާތު ކުރުމެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ހަގީގަތުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ. ވަކީލް ވިދާޅުވި ގޮތުގައި އަންހެނުންނަށް ގޮނޑި ހާއްސަ ކޮށްފައިވަނީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ. 

އެ މާއްދާގައި ބުނެފައިވަނީ މުޖްތަމައުގެ އާންމު ހާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް، ނުވަތަ ބަޔަކަށް، ނުވަތަ އިޖްތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެދިނުމަށްޓަކައި، ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ ތަފާތުކުރުމެއް ކަމުގައެއް ނުވާނެ ކަމަށެވެ. 

ވަކީލް ވިދާޅުވީ އަންހެނުންނަކީ އިޖުތިމާއީ ގޮތުން ރައްކާތެރިކަން ދޭން ޖެހިފައިވާ ބައެއް ކަމަށާއި އިންތިހާބީ މަގާމުތަކަށް އައުމުގައި އެމީހުންނަށް ދަތިތައް އެބަހުރި ކަމަށެވެ. މިފަދަ ގޮތަކަށް އަންހެނުންނަށް ގޮނޑިތައް ހާއްސަ ކުރުން ނުވަތަ އެކަމަށް މަގުފަހިކޮށް ދިނުމަކީ ދިމިގްރާތީ އެހެން ގައުމުތަކުން ވެސް ކުރަމުން ގެންދާ ކަމެއްކަން ވަކީލް ފާހަގަ ކުރެއްވިއެވެ. 

އެގޮތުން ޔޫރަޕިއަން ކޯޓު އޮފް ޖަސްޓިސްއިން ނިންމާފައިވާ ނިންމުމެއްގައި އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމަކީ ފިރިހެނުންނާ ތަފާތު ކުރުން ނޫން ކަމާއި އެއީ ހަގީގަތުގައި ހަމަހަމަ ފުރުސަތެއް ފަހިކޮށްދިނުން ކަމަށް ކަނޑައަޅާފައިވާކަން ވަކީލް ފާހަގަ ކުރެއްވިއެވެ. އެ އުސޫލަށް ކެނެޑާ، އިންޑިއާ އަދި ސައުތު އެފްރިކާ ފަދަ ގައުމުތަކުން އަމަލު ކުރަމުންދާކަން ފާހަގަ ކުރެއްވިއެވެ. އަވަށްޓެރި ޕާކިސްތާން، ބަންގްލަދޭޝް، އިންޑިއާ އަދި ނޭޕާލްގައި ވެސް ކައުންސިލްތަކުގެ ވަކި އިންސައްތައެއް އަންހެނުންނަށް ހާއްސަކޮށްފައިވާކަން ވެސް ވަކީލް ފާހަގަ ކުރެއްވިއެވެ. 

އަންހެނުންނަށް މިފަދަ ގޮނޑިތަކެއް ހާއްސަ ކުރުމަކީ ގާނޫނު އަސާސީއިން ވެސް ތަސައްވުރުކޮށްފައިވާ ކަމެއްކަން އެނގޭ ކަމަށާއި އެކަން ފަހިކޮށްދިނުމަކީ ދައުލަތުގެ ވާޖިބެއް ކަމަަށް ވެސް ވަކީލް ވިދާޅުވިއެވެ. 

ވަކީލް އިތުރަށް ވިދާޅުވި ގޮތުގައި، އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމަކީ ފިރިހެނުންނަށް ގޮނޑި މަދުވެދާނެ ކަމަށް ބެލެވުމުން ކައުންސިލްތަކުގެ ގޮނޑީގެ އަދަދު ވެސް އިތުރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މީގެ ސަބަބުން ފިރިހެނުންގެ ހައްގަށް އުނިކަމެއް އައިކަން ގަބޫލު ނުކުރައްވާ ކަމަށެވެ. އޭގެއިތުރުން އަންހެނުންނަށް ކައުންސިލްގެ ވަކި ގޮނޑިއެއް ނުވަތަ ސިޓީ ކައުންސިލެއް ނަމަ ވަކި ދާއިރާއެއް ކަނޑައެޅުމަކީ ފިރިހެނުންނަށް ހައްގެއް ގެއްލިގެންދާ ކަމެއް ވެސް ނޫން ކަމަށެވެ. އެއީ އެހެން ރަށެއްގެ ކައުންސިލަށް ނުވަތަ އެހެން ދާއިރާއަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށެވެ. 

ވަކީލް ދެން ވިދާޅުވީ އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމަކީ އެމީހަކު ބޭނުން އިހްތިޔާރު ކުރާ ވަޒީފާއެއް އަދާކުރުމުގެ ހައްގު ގެއްލޭ ކަމެއް ވެސް ނޫން ކަމަށެވެ. އެއީ މިއީ އިންތިހާބީ މަގަމާކަށްވާއިރު، މި މަގާމަށް އާދެވޭނީ ވަކި ޝަރުތުތަކެއް ހަމަވާ ބަޔަކަށްވާތީ ކަމަށެވެ. މަގާމުގެ ޝަރުތު ހަމަވާ އަދި ރައްޔިތުން ވޯޓުން ހޮވާ ކޮންމެ މީހަކަށް ވެސް ގޮނޑި ލިބޭނެ ކަމަށެވެ. މިއީ އިހްތިޔާރު ކުރާ ވަޒީފާގެ ހައްގާ ގުޅުން އޮތް ކަމެއް ނޫން ކަމަށެވެ. އެ މާއްދާ ހަނިވާ ކަމަށް ބެލި ނަމަވެސް ހައްގު ހަނިވެފައިވަނީ ގާނޫނު އަސާސީގައި ބަޔާން ކުރާ އުސޫލުތަކުގެ މަތިންކަން ވަކީލް ވިދާޅުވިއެވެ. 

އެހެންވެ، ބަންޑާރަ ނައިބުގެ ފަރާތުން އެދިފައިވަނީ ގާނޫނުގައި މިހާރު ވެސް އޮތް ގޮތަށް އަންހެނުންނަށް ވަކި ގޮނޑިތަކެއް ހާއްސަކޮށްފައި އޮތުމަކީ ގާނޫނު އަސާސީއާ ތައާރަޒުވާ ކަމެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *