ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރަތްކުރުމަށް ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުމުގެ އެއްބަސްވުން އިސްލާމިކް މިނިސްޓްރީއިން އުވާލީ އެޓާނީ ޖެނަރަލްގެ އޮފީހުގެ ގާނޫނީ ލަފާއާ ހިލާފަށްކަން ހާމަވެއްޖެއެވެ. 

މިކަން ހާމަވެފައިވަނީ އެޓާނީ ޖެނަރަލްގެ ލަފާ އާންމުވުމާއެކުއެވެ. މި ސަރުކާރު އައުމާއެކު ކުރީ ސަރުކާރުގައި ޒިކުރާ މިސްކިތް ހަވާލު ކުރުމަށް ހަދާފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން އެޓާނީ ޖެނަރަލްގެ ލަފާ ހޯދިއެވެ. އަދި އޭގެ ފަހުން އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު އޮތް އެއްބަސްވުން އުވާލިއެވެ. 

އެ އެއްބަސްވުމަށް ވާސިލްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތަކެއް މިނިސްޓްރީއިން ހިންގާފައިވާ ކަމަށް ބުނެ، އޭރުގެ އިސްލާމިކް މިނިސްޓަރު ޒިޔާދު ބާގިރުގެ މައްޗަށް ދައުވާ ކުރަން ވެސް ވަނީ ފޮނުވާފައެވެ. 

އިސްލާމިކް މިނިސްޓްރީއިން ލަފާއަށް އެދުމުން އެޓާނީ ޖެނަރަލް ލަފާ ދެއްވާފައިވަނީ އެ މަސައްކަތް ދެ ފަރާތުން އެއްބަސްވެގެން ކުރިއަށް ގެންދިޔުމަށެވެ. ޒިކުރާ މިސްކިތުގެ މަސައްކަތް އެސްޖޭއާ ހަވާލު ކުރުމުގައި ގޯހެއް ނެތް ކަމާއި އެކަން ކޮށްފައި ވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް އެ ލަފާގައިވެއެވެ. 

ނަމަވެސް މިނިސްޓްރީއިން އެއްވެސް މަޝްވަރާއެއް ނެތި އެއްބަސްވުން އުވާލައި މަސައްކަތް، އެސްޖޭ ކުންފުނީގެ އަތުން ނެގިއެވެ. އެގޮތަށް އަމަލު ކުރީ އެސްޖޭއާއެކު އޮތް އެއްބަސްވުމަކީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް މިނިސްޓްރީއިން ބުނެއެވެ. ނަމަވެސް އެޓާނީ ޖެނަރަލްގެ ލަފާގައި އެ އެއްބަސްވުން ގާނޫނާ ހިލާފު ކަމަށް ބުނެފައެއް ނެތެވެ. 

އޭސީސީއިން ބެލި މައްސަލާގައި އެސްޖޭގެ މައްސަލަތަކެއް ފާހަގަކޮށްފައިނުވީ ނަމަވެސް އެ އެއްބަސްވުމާ ހަމައަށް މިނިސްޓްރީއިން ވާސިލްވީ ހުއްދަތައް ނުހޯދާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މިސްކިތުގެ މަސައްކަތް ކުރިއަށް ގެންދިޔިމަށް ރައީސް އޮފީހާއި އިކޮނޮމިކް އެންޑް ޔޫތު ކައުންސިލާއި ފިނޭންސް މިނިސްޓްރީގެ އިރުޝާދު އެ މަޝްރޫއުއާ ގުޅޭ ގޮތުން މިނިސްޓަރަށް ދެއްވާފައިވާކަން މިހާރު ވަނީ ހާމަވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.