ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ވަގުތީ މަސް މާރުކޭޓު ހަވާލުކުރެވުނީ އެންމެ ރަނގަޅަށްކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އިން ހާމަކޮށްފިއެވެ. އެޗްޑީސީއިން މިގޮތަށް ހާމަކޮށްފައިވަނީ، މަސް މާރުކޭޓު ހިންގުމަށް ބަޔަކާ ހަވާލުކުރުމުގެ ސަބަބުން ބައެއް ފަރާތްތަކުން ކަންބޮޑުވުންތައް ހިއްސާކޮށްފައިވާތީ އެކަމާ ގުޅިގެން ނެރުނު ހާއްސަ ނޫސް ބަޔާނެއްގައެވެ.

މިގޮތުން އެޗްޑީސީއިން ހާމަކޮށްފައިވާ ގޮތުގައި ހުޅުމާލޭ މަސްމާރުކޭޓު ހިންގާނޭ ފަރާތެއް ހޮވުމުގައި އެޗްޑީސީއިން އަމަލުކޮށްފައިވަނީ އެ ކޯޕަރޭޝަނުން ހަމަޖައްސާފައިވާ އުސޫލުތަކާ އެއްގޮތަށް، އެކަމަށް ހުޅުވާލައި ކުރި އިއުލާންގައިވާ ގޮތުގެ މަތިންނެވެ. 

އެޗްޑީސީއިން ހާމަކޮށްފައިވާ ގޮތުން، 21 ޖުލައި 2020 ގައި މަސް މާރުކޭޓު ހިންގާނޭ ފަރާތެއް ހޮވުމަށް ކުރި އިއުލާނުގައިވާ ގޮތުގެ މަތިން، ހުށަހެޅުނު ހުރިހާ ފޯމެއް ބަލައި، ލިޔެކިޔުންތައް ހަމަތޯ ޔަގީންކޮށް، ލިޔެކިޔުން ހަމަ ބޭފުޅުންގެ ނަންތައް އިއުލާންކޮށްފައިވާނީ ހުށަހެޅި ހުރިހާ ފަރާތްތަކެއްގެ ކުރިމަތީގައެވެ. އަދި، އިއުލާނުގައިވާ ގޮތުގެ މަތިން، ދެފުށް ފެންނަ ނިޒާމެއްގެ ދަށުން އަމަލުކުރުމުގެ ގޮތުން، ގުރުއަތު ނެގުނީވެސް ހާޒިރުވި ހުރިހާ ފަރާތްތަކެއްގެ ކުރިމަތީގައި ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. އިތުރަށް އެޗްޑީސީއިން ބުނެފައިވަނީ، ގުރުއަތުގެ ކަންތައްތައް ކުރިއަށް ދިޔަގޮތާމެދު އޭރު އެތަނުގައި ހާޒިރުވި އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅާފައިނުވާކަމަށެވެ. 

މަސްމާރުކޭޓު ހިންގުން، ގުރުއަތުން ހޮވުނު ފަރާތާ ހަވާލުކުރެވުނު ފަހުން ބައެއް ފަރާތްތަކުން ކަންބޮޑުވުންތައް ހިއްސާކޮށްފައިވާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށްވެސް އެޗްޑީސީއިން މަސައްކަތް ކުރަމުންދާކަމަށް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ. އެގޮތުން، މަސް މާރުކޭޓު ހިންގުމަށް ހޮވުނު ފަރާތާއި، މަސް މާރުކޭޓުގައި މަސް ވިއްކުމަށް ހަރަކާތްތެރިވާ ފަރާތްތަކާއެކު އެކި ފަހަރު މަތިން ބައްދަލުކުރެވިފައިވާނޭ ކަމަށާ, ވީހާވެސް ގިނަ ފަރާތްތަކަށް މަސް މާރުކޭޓު ބޭނުން ކުރެވޭނެ ގޮތް ހަމަޖެއްސުމުގެ ގޮތުން އެޗްޑީސީގެ ފަރާތުން 3 އަށި މަސް މާރުކޭޓަށް އިތުރުކޮށްދޭނޭ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އަދި މަސް މާރުކޭޓު ހިންގަން ހަވާލުކުރެވުނު ފަރާތްތަކާއެކު މަޝްވަރާކޮށް، މަސް މާރުކޭޓުގައި ހުރި އަށިތަށް ބޭނުންކުރާނޭ ވަކި އުސޫލެއްވެސް ކަނޑައަޅައިފައިވާކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. 

ހުޅުމާލޭ ވަގުތީ މަސް މާރުކޭޓަކީ ހުޅުމާލޭ ދިރިއުޅޭ ރައްޔިތުންނަށް ތާޒާކަމާއެކު ކަނޑުމަހުގެ ބާވަތްތައް ލިބުމުގައި ހުރި ގޮންޖެހުންތަކަށް ލުޔެއް ހޯދައި ދުނުމުގެ ގޮތުން، ސާފުތާހިރުކަމުގެ މިންގަނޑު ތަކާއެއްގޮތަށް ކަނޑުމަހުގެ ބާވަތްތައް ލިބޭނެގޮތް ހަމަޖެއްސުމުގެ ގޮތުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ މާރުކޭޓެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *