ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވި ޖަލު ހުކުމަށްފަހު ގާޒީ ހަސަން ސައީދު އަދީބަށް ނަސޭހަތް ދެއްވައިފިއެވެ. ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު، މިއަދު އަދީބުގެ މައްޗަށް އިއްވީ 19 އަހަރާއި ފަސް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއްގެ އިތުރުން ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެކެވެ. 

ހުކުމް އިއްވައި ނިންމަވާލެއްވުމަށްފަހު، ގާޒީ ހަސަން ސައީދު ވިދާޅުވީ އެހާ ޒުވާން އުމުރުގައި ޒިންމާ ބޮޑު މަގާމެއް ލިބުމަކީ އެކަމާމެދު ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ. އެ ދުވަހު އަމަލު ކުރެއްވުނު ގޮތާމެދު އަމިއްލަ ނަފުސާ ސުވާލު ކުރައްވަން ޖެހޭ ކަމަށެވެ. 

ގާޒީ ވިދާޅުވީ އެ ދުވަހު އެ ބޮޑު މަގާމުގައި އުޅުއްވިއިރު އެކުގައި އުޅުއްވި މީހުންނާއި ނިކަމެތިވެ ހާލުގައި ޖެހުނުއިރު ކައިރީގައި ތިބި މީހުންނާމެދު ވެސް ވިސްނާލަން ޖެހޭ ކަމަށެވެ. އެ ދުވަހު ވަށައިގެން މީހުން އެނބުރު ނަމަވެސް މިއަދު، އަޅާލާނެ މީހެއް ނެތްކަން ގާޒީ ފާހަގަ ކުރެއްވިއެވެ. 

ދައުލަތުގެ ތެރެއިން ބޮޑު ހިޔާނާތެއް ހިންގައި މުޅި ދުނިޔެ ކުރިމަތީގައި ވެސް ރާއްޖެ ފަލީހަތްވެގެން ދިޔަ ކަމަށާއި އެހެންވީއިރު ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން އަމިއްލައަށް ވިސްނާލައި އިސްލާހުވާން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ. ދެން ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަންކަމުން ދުރުވެ ރަނގަޅު ތައުބާއެއްވުމަށް ގާޒީ އިލްތިމާސް ކުރެއްވިއެވެ. 

އެގޮތުން ހިޔާނާތުގެ ހަގީގަތް ހާމަ ކުރައްވައި، ދައުލަތަށް ގެއްލުނު ފައިސާތައް އަނބުރާ ހޯދައިދީ، އިންސާފު ހޯދައިދޭން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ. ނޫންނަމަ ތައުބާއަކަށް ނުވާނެ ކަމަށެވެ. އަދީބަށް އަރައިގަނެވިފައިވަނީ ﷲގެ ހައްގަކަށް އަދި މުޖުތަމައުގެ ހައްގަކަށް ކަމަށާއި އެއީ ވަރަށް ފުރިހަމަ ތައުބާއަކުން ތައުބާވާން ޖެހޭ ކަންކަން ގާޒީ އަދީބަށް ހަނދާންކޮށް ދެއްވިއެވެ. 

ކޯޓުފަޓުލޫނުގައި ޝަރީއަތަށް ވަޑައިގެން އިންނެވި އަދީބު ގާޒީ އެ ނަސޭހަތް ދެއްވަމުން ގެންދެވިއިރު އިންނެވީ އެ ވާހަކަތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވައިގެންނެވެ. މީގެކުރީ އަޑުއެހުމުގައި އަދީބު ވެސް ވަނީ އޭނާ ތައުބާވެފައިވާ ކަމަށް ވިދާޅުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.