ސްޕެނިޝް ލަލީގާގައި ކުޅުނު މެޗު ރެއާލް މެޑްރިޑް ކާމިޔާބުކުރިއިރު ބާސެލޯނާ ކުޅުނު މެޗުން އެޓީމު އެއްވަރުވެއްޖެއެވެ. 

ރެއާލްއިން ވަނީ ލެވަންޓޭގެ ދަނޑުގައި 2-0 އިން ލެވަންޓޭ ބަލިކޮށްފައެވެ. ރެއާލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި ޖަހައިދިނީ ބްރެޒިލްގެ ވިންގަރ ވިނީޝިއަސް ޖޫނިއަރއެވެ. ރެއާލްގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒޭމާއެވެ.

އަމިއްލަ ދަނޑުގައި ސެވިއްޔާއާ ދެކޮޅަށް ބާސާ ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ދެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސެވިއްޔާއިންނެވެ. މި ލަނޑު މެޗުގެ އަށްވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ލޫކް ޑިޔޮންގްއެވެ. އޭގެ ދެ މިނެޓު ފަހުން ބާސާއިން އެއްވަރުކުރިއިރު މި ލަނޑު އެޓީމަށް ޖަހައިދިނީ ބްރެޒިލްގެ ތަރި ފިލިޕޭ ކުޓީނިއޯއެވެ. 

ލަލީގާގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ރެއާލް ބެޓިސްއިން ވަނީ 2-0 އިން ވެލެންސިއާ ބަލިކޮށްފައެވެ. ސެލްޓަ ވީގޯ އަތުން 2-0 އިން އޮސަސޫނާ މޮޅުވިއިރު އަލަވޭސްއިން ވަނީ 1-0 އިން އެތުލެޓިކް ބިލްބާއޯ ބަލިކޮށްފައެވެ. ކާޑިޒް އަދި ގްރަނަޑާ ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.