އޮޑިޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒިޔާތު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ އެމަގާމުން އިސްތިއުފާ ދެއްވާފައިވާކަން "ޖަޒީރާ" އަށް ވަނީ ކަށަވަރު ކުރެވިފައެވެ. އަދި އިސްތިއުފާއާ ގުޅިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނާއި ވެސް އޭނާ ބައްދަލުކުރައްވާފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ.

ޒިޔާތު އިސްތިއުފާ ދެއްވާފައި މިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ފައިސާއިން މަންފާވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން އާއްމުކޮށްފައިވާ ލިސްޓުގައި އޭނާގެ ނަން ހިމެނިފައި ވަނިކޮށެވެ.

މިކަމާއި ގުޅިގެން މިއަދު ރާއްޖޭގެ އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޒިޔާތު ވަނީ އޭނާއަށް 2014 ވަނަ އަހަރު ލިބިލެއްވި މި ފައިސާއަކީ އެ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އޭނާ ހުޅު ހެންވޭރު ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރިއިރު ކެމްޕޭނަށް ޕީޕީއެމްއިން ދީފައިވާ ފައިސާ ކަމަށެވެ. އަދި އެއީ އެމްއެމްޕީއާރުސީގެ ފައިސާކަން އޭރު އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ޒިޔާތު ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ އެ ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލް އިލެކްޝަންސް ކޮމިޝަނާއި ވެސް ހިއްސާކޮށްފައިވާ ކަމަށް ޒިޔާތު ވިދާޅުވެފައިވެއެވެ.

މި މައްސަލާގައި އޭނާއަށް އެއްވެސް އިދާރާއަކުން ސުވާލު ކޮށްފައިނުވާ ކަމަށާއި އަދި ހިޔާނާތުން މަންފާވި މީހުންގެ ލިސްޓެއްގައި އޭނާގެ ނަން އެއްވެސް އިރެއްގައި ހިމެނިފައިވާކަން އެނގިލައްވާފައިނުވާ ކަމަށް ވެސް ޒިޔާތު ވިދާޅުވެފައެވެ.

ހުޅު ހެންވޭރު ދާއިރާއާށް 2014 ވަނަ އަހަރު ވާދަކުރައްވައި ނާކާމިޔާބު ވެވަޑައިގެންނެވި ޒިޔާތު އޮޑިޓަރ ޖެނެރަލްގެ މަގާމަށް އައްޔަނުކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 24 ނޮވެމްބަރު 2014 ގައެވެ. އެމްއެމްޕީއާރުސީގެ މައްސަލާގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއެކު އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އޭނާގެ އާއިލީ ބޭފުޅެއް ކަމަށްވާ އަބްދުﷲ ޒިޔާތުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.