މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލަ، މަސްލަހަތަށް ނުބަލައި ރައްޔިތުންގެ މަޖިލީހަށް ބެލިދާނެކަމާމެދު ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ސުވާލު އުފައްދައިފިއެވެ.
ޓްރާންޕޭރެންސީއިން ބުނީ ރައްޔިތުންގެ މަޖިލީހުން މިއަދު އާއްމުކުރި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މަންފާވި މީހުންގެ ލިސްޓްގެ ކުރިން އެކަމުގެ މަންފާވި މީހުން ކަމަށް ބުނެ ލީކްވި ލިސްޓުގައި ހުރިހާ ސިޔާސީ ޕާޓީއަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދި ޕާޓީތަކުގެ ލީޑަރުން ހިމެނިފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އެއްވެސް މަސްލަހަތަކަށް ބެލުމެއްނެތި ރައްޔިތުންގެ މަޖިލީހުން ބެލިދާނެކަމާމެދު ސުވާލު އުފެދޭ ކަމަށް ވެސް ޓްރާންސްޕޭރެންސީއިން ވަނީ ބުނެފައެވެ.
The unverified list, which includes all major political parties, parliamentary and party leaders, brings into question the ability of @mvpeoplesmajlis to look in to the matter without any conflict of interests. #MMPRCGrandCorruption
— Transparency MV (@TransparencyMV) May 12, 2021
ޓްރާންސްޕޭރެންސީއިން ރައްޔިތުންގެ މަޖިލީހަށާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް ގޮވާލާފައިވަނީ މި މައްސަލަ ތަހުގީގުކުރުމަށް ބޭނުންވާ ފުރިހަމަ މިނިވަންކަން ތަހުގީގީ އިދާރާތަކަށް ދިނުމަށެވެ. އަދި އަވަސް ތަހުގީގެއް ހިންގައި މައްސަލާގައި ޝާމިލްވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުރުސަތު ދިނުމަށް ވެސް ޓްރާންސްޕޭރެންސީއިން ވަނީ ގޮވާލާފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާވި ހުރިހާ ފަރާތްތަކެއް ޖަވާބުދާރީކުރެވެން ޖެހޭކަން ފާހަގަކޮށް ބުނެފައިވަނީ އެކަމުގެ އިހުމާލުވި ހުރިހާ އިދާރާތަކާއި ދެކޮޅަށް ދައުވާކޮށް ފިޔަވަޅު އެޅެންޖެހޭ ކަމަށެވެ. އަދި ހިޔާނާތުގައި ގެއްލިގެން ދިޔަ ދައުލަތުގެ މުދާ އަނބުރާ ހޯދަން ޖެހޭ ކަމަށާއި ހިޔާނަތް ފަޅާއަރުވާލި ގާސިމް އަބްދުލްކަރީމާއި ދެކޮޅަށް އެޅި ހުރިހާ ފިޔަވަޅުތަކެއް އަނބުރާ ގެނެސް އޭނާގެ ރެކޯޑް ސާފުކުރަން ޖެހޭ ކަމަށް ވެސް ޓްރާންސްޕޭރެންސީއިން ވަނީ ބުނެފައެވެ.