އައްޑޫ ސިޓީގައި މސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އަތުލައިގަތުމަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަނަކީ ބޭރުގެ އެއްވެސް އެޖެންސީއަކުން މައުލޫމާތެއް ދީގެން ހިނގާފައިވާ އޮޕަރޭޝަނެއް ނޫން ކަމަށާއި އެއީ ފުލުހުންގެ އިންޓެލިޖެންސްއަށް ލިބިފައިވާ މައުލޫމާތުތަކެއްގެ މައްޗަށް ހިންގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފިއެވެ. 

ފުލުހުން މިހެން ބުނީ އެ އޮޕަރޭޝަނާ ގުޅުން އޮތް ކަމަކަށް ޕާކިސްތާނުގެ އެޖެންސީއިން މައުލޫމާތު ފޯރުކޮށްދިން ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާތީއެވެ. 

މި އޮޕަރޭޝަނުގައި ސ.ހިތަދޫ / ފިނިފަރު، ޢަބްދުﷲ އިބްރާހީމް (33 އަހަރު) އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއި ބޭރުބަޔަކު ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަންއުޅޭ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި ޑްރަގް އިންޓެލިޖެންސް އާއި މެރިން ޕޮލިސް އާއި ސައުތު ޕޮލިސް ޑިވިޜަންގައި ގާއިމްވެތިބޭ ސްޕެޝަލް އޮޕަރޭޝަންގެ ފުލުހުން އަދި ސައުތު ޕޮލިސް ޑިވިޜަން ގުޅިގެން އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 14 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 23 އަހަރާއި 40 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުންނެވެ.

މި ހިނގާ އޮކްޓޯބަރު މަހުގެ 01 ވަނަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދާ މިއޮޕަރޭޝަންގައި މިހާތަނަށް 98.6 ކިލޯ (ވަގުތީ ބަރުދަން) މަސްތުވާތަކެތި ފެނިފައި ވެއެވެ. އަދި ފެނިފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި އެމް.ޑީ.އެމް.އޭ އާއި، އެމްފިޓަމިން އާއި ހެރޮއިން ހިމެނެއެވެ.

މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ޢަބްދުﷲ އިބްރާހީމް އަކީ 2019 ޖުލައި 30 ވަނަދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރުމަށްފަހު ތަހުގީގު ފުރިހަމަކޮށް މައްސަލަ ޕީޖީއޮފީހަށް ފޮނުވުމުން މައްސަލަ ކޯޓަށް ވައްދާފައިވަނިކޮށް 2019 ސެޕްޓެމްބަރ 30 ވަނަދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ މީހެކެވެ. އޭގެ އިތުރުން، އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގެ ރެކޯޑް އާއި އެހެނިހެން މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ ފަރާތެކެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސ.ހިތަދޫ / ފިނިފަރު، ޢަބްދުﷲ އިބްރާހީމް (33އ) އާއި ސ. ހިތަދޫ / ކޯޅި، މުޙައްމަދު ޔާމީން ނަޞީރު (23އ) ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަނދުގައި ބެހެއްޓުމަށް އަމުރު ކޮށްފައި ވެއެވެ.

މައްސަލާގައި ތުހުމަތު ކުރެވުނު އެހެންމީހުންގެ ތެރެއިން މިހާތަނަށް މުއްދަތު މަޖްލިސް ނިމުނު މީހުންގެ ބަންދަށް 5 ދުވަސް ކޯޓުން ވަނީ ދީފައެވެ. 

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ އޮޕަރޭޝަނަކީ ފުލުހުންގެ އިންޓަލިޖަންސްއިން ހޯދާފައިވާ މައުލޫމާތުގެ އަލީގައި 2020 އޮކްޓޯބަރ 1 ވަނަދުވަހުން ފެށިގެން ހިންގަމުން އަންނަ އޮޕަރޭޝަނެއް ކަމަށެވެ. އަދި މިއޮޕަރޭޝަނަކީ ބޭރުގެ އެއްވެސް އެޖެންސީއަކުން ދީފައިވާ މައުލޫމާތަކަށް ހިންގާފައިވާ އޮޕަރޭޝަނެއް ނޫން ކަމަށެވެ. 

އޭގެ އިތުރުން، މި އޮޕަރޭޝަންގައި ދިވެހި ފުލުހުން ހޯދި މަސްތުވާތަކެތީގެ މައުލޫމަތު މިހާރުވާނީ ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ވިއުގަތަކާ ހުރިގުޅުން އޮޅުންފިލުވުމަށްޓަކައި އާންމު އުސޫލުން، ބައިނަލްއަގުވާމީ ބައެއް ފަރާތްތަކާ ހިއްސާކޮށްފައިވާ ކަމަށެވެ. 

މިއޮޕަރޭޝަންގެ ދަށުން އައްޑޫ ސިޓީގެ ބައެއް ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން މިހާރުވެސް ގެންދަނީ ކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.