މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މި ސަރުކާރުން ސިޔާސީ ހިމާޔަތް ނުދޭކަމަށް ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މި މޭރުމުން ޓްވީޓް ކުރައްވާ އެ މަނިކުފާނު ވިދާޅުވީ، މަސްތުވާތަކެތީގެ ސަޕްލައި މަދު ކުރުމުގެ މަސައްކަތް ކާމިޔާބު ކުރެވެނީ އެ ވިޔަފާރި ކުރާ މީހުންނަށް ހިމާޔަތް ނުދޭތީކަމަށެވެ.

މިއީ އައްޑޫގައި ފުލުހުން ހިންގި ހާއްސަ ބޮޑު އޮޕަރޭޝަންގައި 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައި ޝޭހް އިމްރާން ކުރެއްވި ޓްވީޓެކެވެ. އައްޑޫގައި ހިންގުނު އޮޕަރޭޝަންއާ ގުޅިގެން ޝޭހް އިމްރާން ވިދާޅުވީ، މަސްތުވާތަކެތި އަތުލައިގަތީ ފުލުހުންގެ އެކި ފަންނުތަކުގެ ހުނަރާ ގާބިލްކަން ބޭނުންކޮށްގެން ކަމަށާއި، ހާއްސަކޮށް ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްގެ މަސައްކަތް ފާހަގަކުރެވޭ ކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫގައި އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އެ ސިޓީގައި ޑްރަގް ނެޓްވޯކެއްހިންގާ ސ.ހިތަދޫ/ފިނިފަރު، އަބްދުﷲ އިބްރާހިމް (އަބުޗޭ) ވަނީ ހައްޔަރުކޮށްފައެވެ. އަބުޗޭގެ އިތުރުން އޭނާގެ ނެޓްވޯކަށް ނިސްބަތްވާ ގިނަ ބަޔަކު ހައްޔަރުކޮށްފައިވެއެވެ. އަދި، ގައުމީ ޓީމްގެ ކުރީގެ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ)ވެސް ހައްޔަރުކޮށްފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މަސްތުވާތަކެތި އަތުލައިގަނެފައިވަނީ، ރާއްޖޭގެ ބޯޑަރު ކައިރިން ބޭރު ބޯޓަކުން މަސްތުވާތަކެތި ލޯންޗަށް އަރުވައި ގެނައުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ލޯންޗު ހުއްޓި، ކަފު ޖަހައިގެން ހިތަދޫއަށް ވެއްދުމަށް މަސައްކަތްކުރަމުން ދަނިކޮށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *