ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނަކީ އުފެދުމުގައިވެސް ނަޒާހާތްތެރި ކޮމިޝަނެއް ނޫން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ދިރާސާ ކުރުމުންދިޔަ ޖޮއިންޓް ކޮމިޓީގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ކޮމިޝަންގެ ނަޒާހާތްތެރިކަމާއި މެދު ސުވާލު އުފެދެނީ ކޮމިޝަންގެ މެމްބަރުންގެ ތެރޭގައި އިނގިލި ދިއްކުރާ ކަހަލަ މައްސަލައެއް އޮތް ފަރާތެއް ހިމެނިފައި އޮތުމުން ކަމަށެވެ. އަދި ކޮމިޝަނަށް ދެ އަހަރު ބައިވެގެންދާއިރު އެކަށީގެންވާ މަސައްކަތްތަކެެއް ކުރެވެމުންދާތަން ނުފެންނަކަމަށް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ކޮމިޝަނެއް އުފައްދައިގެން ކުރާ މަސައްކަތަކީ ދައުލަތުގެ ބަޖެޓުން ޚަރަދުތަކެއް ބޭކާރުކުރުމެވެ. އަދި ނަތީޖާއެއް ނެރެން ބޭނުންކަމުގައި ވަނީނަމަ އެސެޓް ރިކަވަރީ ކޮމިޝަން އުވާލާ ނުވަތަ އާ ބަޔަކު އައްޔަންކޮށްގެން މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މިސަރުކާރުގައިވެސް އެމްއެމްޕީއާރުސީއާ ގުޅުންހުރި ކަންކަމުގައިވެސް ފެނިގެން ދިޔައީ ދޯހަޅިކޮށް އެކަށީގެންވާ ފިޔަވަޅެއް ނޭޅި ދުކޮށްލާފައި އޮތްތަން ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ  މައްސަލަ 2015 ވަނަ އަހަރު ފަޅާއެރުމާއި އެކު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުށަހަޅި ކޮރަޕްޝަން އެންމެ ބޮޑަށް ހިންގުމުގައި ހަރަކާތްތެރިވި ފަރާތްތައް ޖަލަށް ލެވުނު ކަމަށާއި ނަމަވެސް އެމްޑީޕީގެ ލީޑްކުރާ ސަރުކާރަކުން އައިސް ކޮރަޕްޝަން ހިންގި ފަރާތަތަކަށް ލުއިތަކެއް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާނާތުގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ 70،000 ޓެކްޓް މެސެޖް އޮތްކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާކަން ފާހަގަކުރައްވައި އޭނާ ވަނީ ކޮމިޓީގެ މަސައްކަތްތައް ނިމުމުން އެ މަސައްކަތް ދޫކޮށްލެވެނީތޯވެސް ސުވާލު ކުރައްވާފައެވެ.

އާދަމް ޝީރީފް ވިދާޅުވީ ހިޔާނާތުގެ ފައިސާ ބޭނުންކުރި މީހުންނަށް އަދަބު ލިބި ގެއްލުނު ފައިސާ ހޯދުމަކީ ރައްޔިތުން އެދޭ ގޮތް ކަމަށެވެ. އަދި ކޮމިިޓީން ނިންމިކަމުގައިވިޔަސް ކޮރަޕްޝަން ހިންގާފައި ހުރިކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކާއި ދޭތެރޭގައި ސަރުކާރުން ފިޔަވަޅުއަޅުއްވާނެތޯ އޭނާ ވެސް އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.