މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ލިސްޓު އާންމުކުރާގޮތަށް، މައްސަލަ ދިރާސާކުރި ސަބް ކޮމެޓީގެ ރިޕޯޓް ފާސްކޮށްފި އެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލަ ދިރާސާކުރަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން އެވެ. ކޮމެޓީން ވަނީ އޭގެތެރެއިން ދައުލަތުގެ މަޤާމުތަކުގައި މިހާރު ތިބި ފަރާތްތަކާއި ގުޅޭ ތަހުޤީޤާއެކު، ހިޔާނާތުގެ މައްސަލަތައް ކުރިއަށް ނުގޮސް ލަސްވާ ސަބަބުތައް ހޯދުމަށް ސަބް ކޮމެޓީއެއް އެކުލަވާލާ، ކޮމެޓީ އާއި މަސައްކަތް ހަވާލުކޮށްފަ އެވެ.

މިއަދު ކުރިއަށްދިޔަ ޖޮއިންޓް ކޮމެޓީގެ ބައްދަލުވުމުގައި ކުރިއަށްގެންދިޔައީ ސަބް ކޮމެޓީގެ ރިޕޯޓް ފާސްކުރުމުގެ މަސައްކަތެވެ. ސަބް ކޮމެޓީގެ ރިޕޯޓް، ޖޮއިންޓް ކޮމެޓީން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޤުލަބިއްޔަތުންނެވެ.

ކޮމިޓީން ނިންމީ ކޮމިޓީ ރިޕޯޓާއި އެކު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު އާންމު ކުރުމަށެވެ. އެގޮތުން ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންގެ ނަންނަތާއި އެކު ލިސްޓު އާންމު ކުރެވޭއިރު، އެ ލިސްޓުގައި 119 ފަރާތެއް ހިމެނެއެވެ.

މީގެއިތުރުން ކޮމިޓީން ވަނީ ޚިޔާނާތުގެ ފައިސާގައި ޖެހުނު މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި ތިބި މީހުން، މަގާމުތަކުން ވަކިކުރަން ވެސް ނިންމާފައެވެ. އެގޮތުން އިންތިހާބީ މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުން ވަކި ވާނީ އަމިއްލައަށް އިސްތިއުފާދީގެން ނޫނީ ޝަރުއީ މަރުހަލާއަކަށް ފަހު ކަމުން، އެ މައްސަލަތައް އަވަހަށް ނިންމުމަށް ކަމާބެހޭ އިދާރާތަކުގައި އެދެން ކޮމިޓީން ވަނީ ނިންމާފައެވެ.

އެމްއެމްޕީއާރުސީ މައްސަލައިގެ މައްސަލަ ގޮސްފައިވާ ހިސާބަކާއި ގުޅޭގޮތުން އޮޅުންފިލުވުމަށް މަޖިލީހަށް އެ މައްސަލަ ވެއްދީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްއެވެ. ހަސަންގެ މި ސިޓީއާއި ގުޅިގެން ޖޮއިންޓް ކޮމިޓީއަށް ލިބުނު ލިސްޓުގައި 281 މީހުން ހިމެނެއެވެ. އެއީ މީގެކުރިން އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓުގައި އޮތް އަދަދަށް ވުރެ 14 މީހުން އިތުރު އަދަދެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.