ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިނުވާނެ ކަމަށް ތަހުގީގުތަކަށް އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ. 

ޝިފާ މިހެން ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މާލޭ ލޮނުޒިޔާރަތްކޮޅުގައި ތަރައްގީކުރަމުން އަންނަ ޕާކާއި ގުޅޭގޮތުން ހިންގި ތަހުގީގުގައި ކޮރަޕްޝަންގެ އަމަލެއް ޝިފާ ހިންގާފައިވާ ކަމަށް ފެނިފައިވާތީ ކޮރަޕްޝަންގެ ދައުވާ އުފުލުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ވަނިކޮށް ނެރުއްވި ބަޔާނެއްގައެވެ. 

ޝިފާ ވަނީ މިއީ މި ތުހުމަތުތަކަކީ ސިޔާސީ ވާދަވެރި ފަރާތްތަކެއް ފަހަތުގައި ތިބެގެން ކޮށްފައިވާ ތުހުމަތުތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ސިލްސިލާކޮށް އޭނާއަށް އަންނަމުންދިޔަ ހަމަލާތަކުގެ ތެރެއިން ހަމަލާއެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. 

މާލެ ސިޓީގެ މޭޔަރުގެ މަގާމުން ޝިފާ ދުރުކުރުމަށް މަސައްކަތް ކުރަމުންދަނީ އެކަމުގެ ސަބަބުން މިހާރު ޝިފާ ދުރުކުރަން މަސައްކަތްކުރަމުންދާ ފަރާތްތަކަށް ފައިދާތަކެއް ވާތީ ކަަމަށް ވެސް ވަނީ ތުހުމަތުކުރައްވާފައެވެ. އަދި މުއައްސަސާތަކަށް މި ސަރުކާރާއި މަޖިލީސް އައުމަށްފަހު އައިސްފައިވާ ބަދަލުތަކާއެކު މި ތުހުމަތުތަކަކީ ދޮގު ތުހުތަމަތުތަކެއްކަން ސާބިތުކުރުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ޝިފާ ވަނީ ވިދާޅުވެފައެވެ. ތެދުވެރިކަމާއެކު ރައްޔިތުންގެ ހިދުމަތުގައި ހުންނަވާނެ ކަމަށް ވިދާޅުވެ އޭނާގެ މަސައްކަތުގައި ކޮރަޕްޝަންގެ ލައްގަނޑު ޖެއްސުމަށް ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވިޔަ ނުދޭނެ ކަމަށް ޝިފާ ވަނީ ވިދާޅުވެފައެވެ. 

މި މައްސަލައިގައ ޝިފާ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ދަޢުވާއެވެ. ޝިފާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީއިން ޕީޖީއަށް ފޮނުވާފައިވަނީ މި ހަފްތާގެ އަންގާރަ ދުވަހުއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.