ކޮވިޑް 19 އަށް އުފެއްދޭ ވެކްސިން ގައުމުތަކަށް ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ބޮޑަށް ގައުމުތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ ބުދަ ދުވަހު ވަރޗުއަލްކޮށް ކުރިޔަށް ގެންދިޔަ އދ. ގެ މަތީ ފަންތީގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގުޓަރޭޒް އިތުރަށް ވިދާޅުވީ ކޮވިޑަށް ޓެސްޓް ކުރުމާއި އެ ބައްޔަށް ފަރުވާ ހޯދުމަކީ ހުރިހާ ގައުމެއް ވެސް ގައުމީ ކަމެއްގެ ގޮތުގައި ދެކެން ޖެހޭ ކަމެއް ކަމަށެވެ. އަދި ކޮވިޑަށް އުފެއްދޭ ވެކްސިންއަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި މީހުންނަށް ފަސޭހަކަމާއެކު އަގުހެޔޮކޮށް ލިބެންޖެހޭ އެއްޗެއް ކަމަށް ވެސް ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކޮވިޑަށް ވެކްސިން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް މިހާރު ވެސް 3 ބިލިއަން ޑޮލަރުގެ އެހީ ވަނީ ލިބިފައެވެ. އެހެން ނަމަވެސް މި މަސައްކަތްތައް ކާމިޔާބުކުރުމަށް 35 ބިލިއަން ޑޮލަރު ބޭނުންވާއިރު އޭގެތެރެއިން 15 ބިލިއަން ޑޮލަރު މިއަހަރު ނިމުމުގެ ކުރިން ބޭނުންވެއެވެ. 

މި މަސައްކަތުގެ އެންމެ މައިގަނޑު އަމާޒަކީ 2021 ވަނަ އަހަރު ނިމުމުގެ ކުރިން ވެކްސިންގެ ދެ ބިލިއަން ޑޯޒް ތައްޔާރުކޮށް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ. އަދި 500 މިލިއަން ޓެސްޓް ހެދުމަކީ ވެސް އަމާޒެކެވެ. 

އަންނަ އަހަރުގެ މެދުތެރޭ ހުރިހާ ޓެސްޓް ކުރުމުގެ ފިޔަވައްސެއް ނިމުމަށްފަހު ވެކްސިން ފޯރުކޮށްދިނުމުގެ މަސަައްކަތް ފެށިގެންދާނެ ކަމަށް ބެލެވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.