އަނބިމީހާ، ޒިިޔާދާ ނައީމަށް ކުރި އަނިޔާތަކާ ގުޅިގެން ކުށް ސާބިތުވެ އިބްރާހިމް ޝާހް ތިން އަހަރަށް ޖަލަށްލުމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ. 

އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވި ޒިޔާދާގެ މަރާ ގުޅިގެން ޝާހްގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން އުފުލިއެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާއެވެ. 

މިހުރިހާ ދައުވާއެއް ވެސް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކުރިއެވެ. އެކަމާ ގުޅިގެން ދައުލަތުން ވަރަށް ކަންބޮޑުވުން ވެސް ފާޅުކުރިއެވެ. އަދި އެކަށީގެންވާ ހެކި ހުށަހެޅި ކަމަށާއި ދައުވާ ސާބިތުނުވާންވީ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށް ވެސް އޭރު ދައުލަތުން ބުނެފައިވެއެވެ. އެހެންވެ، އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުފާކުރިއެވެ. 

އެގޮތުން މިއަދު ވަނީ އެއް ދައުވާއަށް ހުކުމް އިއްވާފައެވެ. ހައިކޯޓުން މިއަދު ކަނޑައެޅީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ ޝާހްގެ މައްވަށް ސާބިތުވާ ކަމަށެވެ. އެހެންވެ، އެ ކުށުގައި ޝާހު ތިން އަހަރަށް ޖަލަށްލުމަށް ހުކުމްކުރިއެވެ.

މި ޝަރީއަތް ވެސް ހައިކޯޓުގައި ސިއްރުން ކުރިއަށް ދިޔައި މައްސަލައިގެ ބާވަތުން ހުކުމްގެ ތަފްސީލްތަކެއް ވެސް އެ ކޯޓުން އާންމެއް ނުކުރެއެވެ. 

އަނެއް ތިން ދައުވާއާ ގުޅޭ ގޮތުން އަދި ހައިކޯޓުން ގޮތެއް ނުނިންމައެވެ. އެ ތިން ދައުވާގެ ތެރެއިން އޮރިޔާންކާޑް ގެންގުޅުމުގެ ދައުވާގެ ޝަރީއަތް ގެންދަނީ ހުޅުވާލައިގެންނެވެ. އަނެއް ދެ ދައުވާ ސިއްރުން ކުރިއަށްދާއިރު ޝަރީއަތް ދަނީ ހިނގަމުންނެވެ. 

ޝާހްގެ މައްޗަށް އިއްވި ތިން އަހަރުގެ ޖަލު ހުކުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ އުފާ ފާޅުކުރައްވާފައެވެ. ޝާމީމް ވިދާޅުވީ ހައި ކޯޓުގެ ހުކުމަކީ ލިބުނު ކާމިޔާބީއެއް ކަމަށެވެ. ޝާހުއާ ދެކޮޅަށް ދެން ހުރި މައްސަލަތައް ނިމި އޭނާ ޖަލަށްލެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *