އިއްޔެ ކުރިމިނަލް ކޯޓުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ދައުވާތަކަށް އިއުތިރާފުވެ، ކުށްތަކަށް ތައުބާވާ ކަމަށް ވިދާޅުވެފައެވެ. އެއަށްފަހު ދެން ވަނީ ބޮޑެތި އެކަމަކު އާދައިގެ ވާހަކަތަކެއް ވިދާޅުވެފައެވެ. އެއީ އެންމެންނަށް ވެސް އެނގޭ ނުދައްކާ ތިބޭ، ބޮޑު ސިއްރެކެވެ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި މަންފާވީ މީހުންގެ ވާހަކައެކެވެ. 

އެމްއެމްޕީއާރްސީގެ ކޮރަޕްޝަނަކީ މުޅި ރާއްޖެއަށް ސިހުން ގެނައި ސިޔާސީ އަދި އިޖުތިމާއީ ގޮތުން ވެސް ބޮޑެތި ބަދަލުތައް ގައުމަށް ގެނުވި ކަމެކެވެ. އެކަމުގެ ތެރޭގައި އޭރުގެ ސަރުކާރާއި ޖުޑިޝަރީ އާއި މިނިވަން މުއައްސަސާތަކާއި ޕާޓީތައް އުނގުޅިފައިވާ ކަމަށް އަބަދުވެސް އަޑު އަރާފައި އޮވެއެވެ. އެ ހަޑި ފައިސާގައި ނުޖެހޭ ސިޔާސީ މީހަކު އެއީ ވަކި ފިކުރެއް ބެލުމެއް ނެތި، މަދު ކަމަށް ވެސް އަޑުތައް ގަދައެވެ. އެކަމަކު އެ ވާހަކަ ދައްކާނީ ކާކު ހެއްޔެވެ؟ ދައްކާނެ މީހަކު ނެތެވެ. ހުރީ ހަމައެކަނި އަދީބެވެ. 

އަދީބު ވިދާޅުވި ގޮތުގައި އޭނާ ވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި ބައިވެރިވެފައެވެ. ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދަށް އޭރުގެ ޖުޑިޝަރީގެ ބޭފުޅުންނާއި މުއައްސަސާތަކުގެ މެންބަރުންނާއި ކުންފުނިތަކުގެ ވެރިންނާއި މަޖިލިސް މެންބަރުންނާއި މިނިސްޓަރުންނަށް އެމްއެމްޕީއާރްސީގެ ތެރެއިން ނެރެގެން ވަނީ ފައިސާ ބަހާފައެވެ. އެއީ ސިޔާސީ މަންފާ ހޯދުމަށް އޭރު ކުރަން އަންގާފައި އޮތް ކަންކަމަށް އޭނާ ވިދާޅުވިއެވެ. އެ ފައިސާ މަޖިލިސް މެންބަރުންނަށް ބޮޑެތި ވޯޓުތަކާ ދިމާކޮށް އަދީބު ބެއްސެވިއެވެ. އޭގައި ނުޖެހޭ އެއްވެސް ސިޔާސީ ޕާޓީއެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ. 

މިއާއެކު، ސިޔާސީ ޕާޓީތައް ވަނީ ފާޑަކަށް އެކްޓިވްވެފައެވެ. ހިމޭނުން ތިބޭ ޕާޓީތަކުން ވެސް ބަސް ބުނެފިއެވެ. ހިޔާނާތުގެ ފައިސާގައި ނުޖެހޭ ކަމަށް ބުނާއިރު ޖެހުނު މީހަކު ހުރި ނަމަ އެމީހަކަށް ފިޔަވަޅު އެޅުމަށް ވެސް ޕާޓީތަކުން ދަނީ ގޮވަމުންނެވެ. 

އެގޮތުން އަދާލަތު ޕާޓީއިން ބުނެފައިވަނީ އެ ޕާޓީގެ އަދީބު ސަރުކާރުގެ ތެރޭގައި ހިންގަމުން ގެންދެވި ހިޔާނާތާ ދެކޮޅަށް އެންމެ ފުރަތަމަ ވެސް ބަސް ބުނި ޕާޓީ ކަމަށެވެ. އެ ޕާޓީއިން އަދީބުގެ ހިޔާނާތުގެ ފައިސާއިން އެއްވެސް މަންފާއެއް ހޯދާފައި ނުވާނެ ކަމަށެވެ. ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ އޭގެން މަންފާ ލިބުނު މީހުން އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައްވާފައެވެ. ނޫންނަމަ، ވައްކަން ފޮރުވަން އުޅޭ ކަމުގެ އިލްޒާމް އެޅޭނެ ކަމަށާއި އެ ބަދުނާމް އެޅެން އެމްޑީޕީއިން ބޭނުން ނުވާ ކަމަށް ވެސް ވިދާޅުވިއެވެ. 

ޖުމްހޫރީ ޕާޓީ ވެސް ވަނީ ހިޔާނާތުން މަންފާ ލިބުންކަން ދޮގުކޮށްފައެވެ. އެގޮތުން ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވެފައިވަނީ ބިލިއަނުން ގައުމު ލޫޓުވުމަށް ފަހު އޭރުގެ އެންމެ އިސް ބޭފުޅުން ޝަރީއަތުގެ މަޖިލީހުގައި ރޯ ބުހުތާނު ދޮގު ހެދުން ދެކޮޅެއް ނުޖެހޭ ކަމަށެވެ. ޖުމްހޫރީ ޕާޓީ އާއި އަދީބާ އެއްވެސް އިރަކު ގުޅުމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

އެމްއެމްޕީއާރްސީގެ ގިނަ އަދަދެއްގެ ފައިސާ މަޖިލީހުގެ ތެރެއަށް ވަދެގެން ދިޔައީ ބޭރު މީހުންނަށް ރާއްޖެއިން ދިގު މުއްދަތަކަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ނެގި ވޯޓާ ދިމާކޮށެވެ. އެ ވޯޓްގައި ޕީޕީއެމް ނިސްބަތްވާ ހުރިހާ މެންބަރުން އެކަމަށް ތާއިދު ކުރެއްވިއެވެ. އެތައް ފާޑުކިޔުމެއް އެ އިސްލާހަށް އޮވެ، އެމްޑީޕީއިން އެކަމަށް ދެކޮޅު ހެދުމަށްފަހު ވެސް ނެރުނީ ފްރީވިޕެކެވެ. އެއީ އެމްޑީޕީއަށް އެންމެ ބޮަޑަށް ތުހުމަތު އަމާޒުވާ ސަބަބެވެ. އޭގެ އިތުރުން އަދީބަށް ނައިބު ރައީސް ކަމަށް އާދެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހާއެކު ވެސް ތުހުމަތުތައް އޮވެއެވެ. 

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހުރިހާ ގޮތަކުން ވެސް ޕީޕީއެމްގެ މެންބަރުން ޖެހިފައިވާ ކަމަށް އެއީ ވަރަށް ބޮޑު ހަގީގަތެކެވެ. އެ ޕާޓީއިން އެކަމާ ގުޅޭ ގޮތުން މާބޮޑު ވާހަކައެއް ވެސް ނުދައްކައެވެ. ނަމަވެސް އެ ހިޔާނާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިނުގަންނަވާ ކަމަށް އަބަދުވެސް ޕީޕީއެމްއިން ބުނަމުންދެއެވެ. ނަމަވެސް މިހާރު ވެސް ރައީސް ޔާމީނމް ހުންނެވީ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޖަލުގައެވެ. 

އަދީބު ވިދާޅުވި ގޮތުގައި އޭނާ ވެސް އިސްތިސްނާ ނުވާ ގޮތަށް މި ކޮރަޕްޝަންގައި ޝާމިލްވާ އެންމެން އިންސާފުގެ ކުރި މައްޗަށް ގެނެސް އަދަބު ދޭން ޖެހޭ ކަމަށެވެއަދީބު ވިދާޅުވީ ދައުލަތަށް އޭނާ އެއްބާރުލުން ދެއްވަނީ މި މައްސަލައަކީ ސާފުވާން ޖެހޭ އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން ޖެހޭ ކަމެއް ކަމަށް ވާތީ ކަމަށެވެ. ގެއްލިފައިވާ ރައްޔިތުންގެ ފައިސާ ކަމަށާއި އެ ހޯދުމަށް އެހީވުމަކީ ގައުމީ ވާޖިބެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އޭނާ މައުލޫމާތު ހާމަނުކޮށްފިނަމަ ގިނަ މައުލޫމާތުތަކީ ނޭނގޭނެ މައުލޫމާތުތަކެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ. އޭނާ ހާމަ ކުރައްވަމުން ގެންދަވާ މައުލޫމާތުތަކާއެކު، މިހާރު ވެސް ނުހައްގުން މުއްސަނދިކަން ލިބިފައިވާ ފަރާތްތައް ފާހަގަ ކުރެވިފައިވާ ކަމަށް އަދީބު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.