އެމްއެމްޕީއާރްސީ ހިޔާނަތުގެ ތެރެއިން ހޯދިކަމަށް ތުހުމަތުކުރާ އެއްވެސް މުދަލެއް ނުވަތަ ފައިސާއެއްގެ މަންފާއެއް ހޯދާފައިނުވާނޭ ކަމުގެ ޔަގީންކަން ޕާޓީގެ މެންބަރުންނަށާއި ދިވެހި ރައްޔިތުންނަށް އަރުވާކަމަށް އަދާލަތު ޕާޓީއިން ބުނެފިއެވެ.

މި މޭރުމުން ޓްވީޓް ކުރައްވަމުން އަދާލަތު ޕާޓީއިން ބުނެފައިވަނީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގަމުންއައި ހިޔާނާތާއި ކޮރަޕްޝަންގެ ވާހަކަ އެންމެ އަޑު ހަރުކޮށް ދެއްކީ އެ ޕާޓީއިން ކަމަށެވެ. އަދި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އޮވެ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހިންގަވަމުން ގެންދެވި ޢައިރު ގާނޫނީ ކަންކަމުގެ ވާހަކަ އަދާލަތު ޕާޓީއިން ދައްކާފައިވާނޭކަމަށެވެ. އަދި އެކަމުގެ ވާހަކަ އެންމެ ފުރަތަމަ ކުރީވެސް އަދާލަތު ޕާޓީއިން ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.

މީގެއިތުރުންވެސް، އަދާލަތު ޕާޓީއިން ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކާއި، ހިންގާފައިވާ އެންމެހާ މުއާމަލާތްތަކުގެ ތަފްސީލު ކަމާއި ގުޅުންހުރި މުއައްސަސާތަކުން ލަސް ނުކޮށް ހާމަކުރުމަށް ގޮވާލާފައެވެ. އަދާލާތު ޕާޓީއިން މިހެން ބުނެފައިމިވަނީ، އެމްއެމްޕީއާރްސީ ފައިސާއިން ފައިދާ ނުވާ ޕާޓީއެއް ނޯންނާނޭކަމަށް އަދީބު ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން، އަދީބު ވިދާޅުވީ އޭނާ ވެސް އިސްތިސްނާ ނުވާ ގޮތަށް މި ކޮރަޕްޝަންގައި ޝާމިލްވާ އެންމެން އިންސާފުގެ ކުރި މައްޗަށް ގެނެސް އަދަބު ދޭން ޖެހޭ ކަމަށެވެ. މި ކޮރަޕްޝަންގައި ޝާމިލް ނުވާ ސިޔާސީ ޕާޓީއެއް ނެތް ކަމަށާއި ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ކުންފުނިތަކުގެ ވެރިންނަށް މަންފާވެފައިވާ ކަމަށެވެ. އިތުރަށް، އަދީބު ވިދާޅުވީ އޭނާ ހާމަ ކުރައްވަމުން ގެންދަވާ މައުލޫމާތުތަކާއެކު، މިހާރު ވެސް ނުހައްގުން މުއްސަނދިކަން ލިބިފައިވާ ފަރާތްތައް ފާހަގަ ކުރެވިފައިވާ ކަމަށް އަދީބު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.