މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ބައިނަލްއަގްވާމީ ގައުމުތަކާއެކު ރާއްޖެއިން މަސައްކަތްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ އ.ދ ގެ ބައޯޑައިވާރސިޓީ ސަމިޓުގައި ވާހަކަ ދައްކަވަމުންނެވެ. ވަރޗުއަލްކޮށް ކުރިއަށް ގެންދިޔަ މި މީޓިންގ އޮތީ 30 ސެޕްޓެމްބަރުގައެވެ.

މި ސަމިޓުގައި ރައީސްވަނީ، ތިމާވެށި ރައްކާތެރިކުރުމާއި ދުނިޔޭގެ ސަލާމަތް ބިނާވެފައިވަނީ އިންސާނުންގެ އަމަލުތައް ހުންނަ ގޮތެއްގެ މައްޗަށް ކަމަށް ބުނެފައެވެ. އެގޮތުން، ސައިންސާއި ޓެކްނޮލޮޖީގެ ރޮގުން ހޯދާފައިވާ ކުރިއެރުންތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ދުރު މުސްތަގްބަލުގައި ފައިދާ ވާނެ ދެމިހުންނަނިވި ތަރައްގީގެ މަގުޗާޓެއް ހެދުން މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. ވަގުތީ ފައިދާއަކަށް، ދުނިޔެ ފަނާވަނިވިފަދަ ނިންމުންތައް ނުނިންމުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުންވެސް، ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖެއިންދޭ އަހަންމިއްޔަތަށް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، މިދިޔަ އަހަރު ދިވެހިރާއްޖެއިން ހުށަހެޅި 'ކްލައިމެޓް ރެޒިލިއަންޓް އައިލެންޑް އިނީޝިއޭޓިވް' އަކީ އެހެން ކުދި ގައުމުތަކުން ނަމޫނާއަކަށް ބެލޭނޭ އެއްޗެއްކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން، ބައެއް ސަރަހައްދުތަކުގެ ތިމާވެށި ރައްކާތެރިކުރުމާއި، ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމާއި، އިޔާދަކުރުވަނިވި ހަކަތައާ ދިމާލަށް މިސްރާބުޖެހުމަކީ ކުދި ގައުމުތަކުގެ ދެމި ހުންނަނިވި ތަރައްގީއަށް މުހިންމުކަމެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރާއްޖެއާ ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަން ގުޅިގެން ކުރާ މަސައްކަތްތައްވެސް ފާހަގަކޮށްފައެވެ. ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަނަކީ ކަނޑު ރައްކާތެރިކޮށް ނޫ އިގްތިސާދެއް ބިނާކުރުމަށް ގައުމުތަކަށް އެހީވާ އެކްސްޕާޓުންގެ ޓީމެކެވެ. މިގޮތުން، މި ކޯލިޝަނާއި ގުޅިގެން، ދިވެހިރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ރައްކާތެރިކޮށް ނޫ އިގްތިސާދެއް ބިނާކުރެވޭނޭ އެންމެ ރަނގަޅުގޮތް ހޯދުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޕްލާސްޓިކް ކުނި އިތުރުވެ އޭގެ ނުރައްކާ ކަނޑުގެ ދިރުންތަކަށް ފޯރާނޭކަމަށްވެސް ރައީސްވަނީ ވިދާޅުވެފައެވެ. އެގޮތުން، އަހަރަކު 8 މިލިއަން ޓަނުގެ ޕްލާސްޓިކް ކަނޑަށް އަޅާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރާއްޖެއިން 'ގްރޫޕް އޮފް ފްރެންޑްސް' އުފެއްދުމުގައި އެހީވެ، އޭގެ އެހީއާއެކު ކަނޑަށް އަޅާ ޕްލާސްޓިކްއާ ދެކޮޅަށް މަސައްކަތްކުރަން ފަށާފައިވާކަމަށެވެ. އަދި ސަރުކާރުގެ ވައުދާއެއްގޮތަށް 2023 ނިމުމުގެ ކުރިން ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖޭގައި ބޭނުންކުރުން މަދުކުރެވޭނޭކަމަށެވެ. 'ގްރޫޕް އޮފް ފްރެންޑްސް'އަކީ ދުނިޔޭގެ ބައެއް ގައުމްތައް ގުޅިގެން، ކަނޑަށްއަޅާ ކުނީގެ ސަބަބުން ދިމާވާ ނޭދެވޭ ކަންތައްތަކުން ދުނިޔެ ސަލާމަތްކުރުމަށް މަސައްކަތްކުރާ ގްރޫޕެކެވެ.

ކޮވިޑް-19ގެ ހާލަތަށް އަލި އަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި ބައްޔަކީ ޖަނަވާރުންގެ ކިބައިން އިންސާނުންގެ ގަޔަށް އަރާ ވައިރަހަކުން އުފެދުނު ބައްޔަކަށްވާއިރު، މި ބަލި އުފެދުނީ ގުދުރަތީގޮތުން ކަނޑައަޅާފައިވާ އިންތަކަށް ފަރުވާކުޑަކުރެވުމުންކަމަށެވެ. އަދި މުސްތަގްބަލުގައިވެސް، މިހާރަށްވުރެ ރަނގަޅަށް ދުނިޔެ ނުބަލަހައްޓައިފިނަމަ، ކޮވިޑް-19އަށް ވުރެ ނުރައްކާތެރިކަންކަން ހިނގުން އެކަށީގެންވާކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.