ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއަށް އިއުތިރާފުވެ ވަޑައިގެން، ވީހާވެސް ކުޑަ އަދަބެއް ކަނޑައަޅުއްވައިދެއްވުމަށް އޭނާ އެދިވަޑައިގެންފިއެވެ. 

އަދީބުގެ މައްޗަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެން ހަތް ދައުވާއެއް އުފުލީ އޭނާގެ މައްޗަށް ހުރި އެހެން ދައުވާތައް އަނބުރާ ގެންދިޔުމަށްފަހުއެވެ. އަދި އެއީ ދައުލަތާއެކު ވެފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުން އުފުލި ހަތް ދައުވާއެވެ. 

އެ ހަތް ދައުވާ އެންމެ ފުރަތަމަ ކުރިމިނަލް ކޯޓުން ބޭރުކޮށްލިއެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ މައްސަލަ އަލުން ބެލުމަށް ކުރިމިނަލް ކޯޓަށް އަންގާފައެވެ. އެހެންވެ، މިއަދު ކުރިމިނަލް ކޯޓުގައި ވަނީ މައްސަލާގެ އިބްތިދާއީ އަޑުއެހުން ބާއްވާފައެވެ. 

އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ތަފްސީލް ވެސް މިއަދު ދައުލަތުގެ ވަކީލް ވިދާޅުވެ ދެއްވިއެވެ. އެ ދައުވާތައް އިއްވެމުން އަދީބު ވަނީ ދައުވާތައް ސާފު ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެ ހަތް ދައުވާއަށް ވެސް އިއުތިރާފުވާ ކަމަށެވެ. 

އެއަށްފަހު ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ، އެމްއެމްޕީއާރްސީގެ މައްސަލާގައި ފަސް ވަރަކަށް އަހަރު ޖަލުގައި ހޭދަ ކުރެވިފައިވާއިރު އެކަމާމެދު އޭނާ ޖަލުގައި ވަރަށް ބޮޑަށް ވިސްނާ ހިތާމަ ކުރެއްވި ކަމަށެވެ. އަދީބު ވިދާޅުވީ އޭނާއަށް ކުރެވުނު ކަންކަމާމެދު ތައުބާވާ ކަމަށާއި ރައްޔިތުންގެ ކިބައިން މާފަށް ވެސް އެދޭ ކަމަށެވެ. 

ކުރީ ސަރުކާރުން މައްސަލަ ބެލުމުގައި އިހުލާސްތެރިކަމެއް ނުފެނުނު ކަމަށާއި އަމާޒު ހުރީ އޭނާއާ ހިސާބުން މައްސަލަ ނިންމާލުމަށް ކަމަށް އަދީބު ވިދާޅުވިއެވެ. ނަމަވެސް މިހާރުގެ ސަރުކާރުން މި މައްސަލަ ބެލުމުގައި އިހްލާސްތެރިކަން ގެންގުޅޭ ކަމަށާއި ކަމަށް ގާބިލް ކަމަށެވެ. އެހެންވެ، ދައުލަތަށް އެއްބާރުލުން ދޭން ނިންމައި އެކަމުގައި މިހާރު ވެސް ދެމި ހުންނެވި ކަމަށް އަދީބު ވިދާޅުވިއެވެ. 

އަދީބު ވިދާޅުވީ އޭނާ ވެސް އިސްތިސްނާ ނުވާ ގޮތަށް މި ކޮރަޕްޝަންގައި ޝާމިލްވާ އެންމެން އިންސާފުގެ ކުރި މައްޗަށް ގެނެސް އަދަބު ދޭން ޖެހޭ ކަމަށެވެ. މި ކޮރަޕްޝަންގައި ޝާމިލް ނުވާ ސިޔާސީ ޕާޓީއެއް ނެތް ކަމަށާއި ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ކުންފުނިތަކުގެ ވެރިންނަށް މަންފާވެފައިވާ ކަމަށެވެ. 

މިދިޔަ ސަރުކާރުގެ ރައީސްގެ ވިސްނުން ހުންނެވީ އެމްއެމްޕީއާރްސީގެ ތެރެއިން ލިބޭ ފައިސާ، ސިޔާސީ ބޭނުންތަކަށް ބޭނުން ކުރުމަށް ކަމަށާއި އޭނާއަށް ސީދާ އިރުޝާދު ދެއްވަމުން ގެންދެވީ ރައީސް ޔާމީން ކަމަށް އަދީބު ވިދާޅުވިއެވެ. އަދީބު ވިދާޅުވީ އެގޮތުގެ މަތިން ސިޔާސީ މަސައްކަތަށް އެމްއެމްޕީއާރްސީގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށެވެ. އެގޮތުން މިނިވަން މުއައްސަސާތަކަކާއި ޝަރުއީ ދާއިރާއަށާއި މަޖިލީހުގެ އެކި ވޯޓްތަކަށް ފައިސާ ހަރަދުކުރިކަން ފާހަގަ ކުރެއްވިއެވެ. 

އަދީބު ވިދާޅުވީ ދައުލަތަށް އޭނާ އެއްބާރުލުން ދެއްވަނީ މި މައްސަލައަކީ ސާފުވާން ޖެހޭ އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން ޖެހޭ ކަމެއް ކަމަށް ވާތީ ކަމަށެވެ. ގެއްލިފައިވާ ރައްޔިތުންގެ ފައިސާ ކަމަށާއި އެ ހޯދުމަށް އެހީވުމަކީ ގައުމީ ވާޖިބެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އޭނާ މައުލޫމާތު ހާމަނުކޮށްފިނަމަ ގިނަ މައުލޫމާތުތަކީ ނޭނގޭނެ މައުލޫމާތުތަކެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ. އޭނާ ހާމަ ކުރައްވަމުން ގެންދަވާ މައުލޫމާތުތަކާއެކު، މިހާރު ވެސް ނުހައްގުން މުއްސަނދިކަން ލިބިފައިވާ ފަރާތްތައް ފާހަގަ ކުރެވިފައިވާ ކަމަށް އަދީބު ވިދާޅުވިއެވެ. 

ހަތް ދައުވާއަށް ވެސް ޖަލު ހުކުމްގެ އަދަބު ކަނޑައަޅާފައިވާއިރު އިއުތިރާފުވުމުން ކުށުގެ އަދަބުގެ ދަރަޖަ ލުއިވާނެއެވެ. ދައުލަތުން ވަނީ އަދަބު އެންމެ ދަށްވާނެ އަދަދުތައް ވެސް ކިޔައިދެއްވާފައެވެ. އަދީބު ވަނީ އެއަށްވުރެ ވެސް އަދަބު ލުއި ކުރެވެން އޮތްނަމަ އެކަމަށް ރިއާޔަތްކޮށް ދިނުމަށް އެދިވަޑައިގެންފައެވެ. 

އަދީބު ވިދާޅުވީ އޭނާ ޖަލުގައި މިހާރު ހޭދަކޮށްފައިވާ މުއްދަތާއި މައްސަލާގައި އަމިއްލައަށް އިސްނަގައިގެން ދައުލަތަށް އެއްބާރުލުން ދެމުން ގެންދާތީ އާއި އިއުތިރާފުވެ މާފަށް އެދިފައިވާތީ އަދަބު ވީއެންމެ ކުޑައެއްކޮށް ދިނުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ. އަދީބު ވަނީ ދައުލަތާއެކުވެފައިވާ އިއުތިރާފު އެއްބަސްވުމުގައި އެއްވެސް މައްސަލައެއް ނެތް ކަމާއި އެއީ އަމިއްލައަށް އެދިގެންވެފައިވާ އެއްބަސްވުމެއް ކަމަށް ވިދާޅުވެފައެވެ. އެހެންވެ، ކުރިމިނަލް ކޯޓުން ވަނީ އެ އެއްބަސްވުން ބަލައިގެންފައެވެ. 

މިއަދުގެ އިބުތިދާއީ އަޑުއެހުމުގައި އަދީބުގެ ބަންދާމެދު ވެސް ވަނީ ގޮތް ކަނޑައަޅާފައެވެ. އެގޮތުން ބަންދުގައި ބެހެއްޓުމަށް ދައުލަތުން އެދުނުއިރު، ބަންދުގައި ހުންނެވުމަށް އަދީބުގެ ވެސް އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންވެ އަދީބުގެ ބަންދު ދެމެހެއްޓެވިއެވެ. މިއަދު މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް ނިންމާލިއިރު ދެން ކުރިއަށް ދާނީ އަވަސް ނިއާގެ ދަށުން ޝަރީއަތެވެ. އެ ޝަރީއަތުގެ މަޖިލިސް ތާވަލުކުރީ އަންނަ ހޯމަ ދުވަހަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *