ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާގައި ޝާމިލްވާ އެންމެން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާއާ ގުޅޭ މައުލޫމާތު އެމްޑީޕީގެ ގައުމީ މަޖިލީހާއި ހިއްސާކުރައްވަމުން ރައީސް ވަނީ ހަމަލާއާ ގުޅިގެން ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއި ކެބިނެޓާއި ބައްދަލުކުރެއްވި ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ އެންމެ އިސް އަމާޒަކީ މި މައްސަލާގައި ޝާމިލްވާ މީހުންހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ތަހުގީގަށް ބޭނުންވާ ހުރިހާ ރިސޯސްތަކެއް މިހާރު ބޭނުންކުރަމުން އަންނަ ކަމަށާއި ބޭރުގެ ތަޖުރިބާކާރުން ވެސް މި ތަހުގީގުގައި ބައިވެރިވެ މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ މައްސަލާގައި އިއްޔެ ހައްޔަރު ކޮށްފައި ވަނީ މުޖާޒް އަހުމަދު (މއ. ފޭރުގެ/ ކ.މާލެ) އާއި ތަހުމީން އަހުމަދު (ފޮޅޭމާ/ ގއ. ކޮނޑޭ) އެވެ. އަދި މިއަދު ހައްޔަރު ކޮށްފައި ވަނީ އަދުހަމް އަހްމަދު ރަޝީދު (ހިޔާ/ ވ. ތިނަދޫ) އެވެ.

ރައީސް ނަޝީދުގެ ފުރާނަފުޅަށް ނުރައްކާވާނެހެން ބޮމެއް ގޮއްވާލާ ހަމަލާ ދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅެވެ. ކުރުނބާގަިއ އޮތް ބައްދަލުވުމަކަށް ވަޑައިގަންނަވަން ގެކޮޅުން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަން އުޅުއްވަނިކޮށް ދިން އެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސް ވެ، ގިނަ އޮޕަރޭޝަންތަކެއް ކޮށްފައި ވެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ދަނީ ކޮންމެ ދުވަހަކު ނޫސްވެރިންގެ ބައްދަލުވުން ބާއްވާ ތަހުގީގަށް ހޯދޭ ހޯދުންތައް އާންމު ކުރަމުންނެވެ. އެގޮތުން، އަމިއްލައަށް ތައްޔަރު ކުރި އައިއީޑީއެއް (ބޮމެއް) ގޮއްވާލި މި މައްސަލާގައި ހައްޔަރު ކުރި ތިން މީހުންނަކީ ވެސް ހަރުކަށި ފިކުރަށް ވާގިދޭ ތިން މީހުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ހަމައެއާއެކު ފުލުހުން ވަނީ މި ތިން މީހުން ދިރިއުޅޭ ތަންތަން ބަލާ ފާސްކޮށް، ގިނަ ހެކިތަކެއް ހޯދާފައެވެ. އެގޮތުން އައިއީޑީ ތައްޔާރުކުރަން ބޭނުން ކުރި ބައެއް ތަކެތި ވެސް ފުލުހުން ހޯދާފައި ވެއެވެ. މީގެ އިތުރުން ފުލުހުން ވަނީ، މި މައްސަލާގައި ހައްޔަރު ކުރި ތިން މީހުންގެ އަމަލުތައް އެރޭ ހުރިގޮތާއި، އެ މީހުން ދަތުރު ކުރި މަގުތައް ވެސް ހޯދާފައެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.