ބާސެލޯނާ ދޫކޮށްލަން މަސައްކަތްކުރި އާޖެންޓީނާ އަދި އެކްލަބްގެ ކެޕްޓަން ލިއޮނެލް މެސީ އެކްލަބާއި ސުލްހަވެއްޖެއެވެ.

މި ހިނގަމުންދާ ޓްރާންސްފަރ މާކެޓުގައި ބާސާ ދޫކޮށްލަން ބޭނުންވާކަން މެސީ އެކްލަބަށް ރަސްމީކޮށް އެންގި ނަމަވެސް އޭނާ އެހެން ކްލަބަކަށް ވިއްކާލަން އެކްލަބުން ވަނީ ދެކޮޅު ހަދާފައެވެ. މިކަމުގެ ސަބަބުން އޭނާ ވަނީ އެކްލަބްގައި މަޑުކޮށްފައެވެ. 

ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މެސީ ވަނީ އޭނާގެ ފަރާތުން އެއްވެސް ގޯސްކަމެއް ހިނގާފައިވާނަމަ އެކަމަށް މާފަށް އެދޭ ކަމަށް ބުނެފައެވެ. އަދި އެފަދަ ކަމެއް ހިނގިނަމަ ހިނގާފައިވަނީ ބާސާގެ ލާބަޔާ މަންފާއަށް އޭނާ ވިސްނާތީ ކަމަށް މެސީ ބުންޏެވެ. އަބަދުވެސް ކްލަބަށް އެންމެ ރަނގަޅު ގޮތް އެދޭ ކަމަށާއި އެކަމާއި މެދު އެއްވެސް ސަޕޯޓަރަކު ޝައްކު ނުކުރުމަށް މެސީ ބުންޏެވެ.

ވަރަށް ގިނަ ދެބަސްވުންތަކަކަށްފަހު ހުރިހާ މައްސަލައެއް ނިމުމަކަށް ގެނެސް އެކުވެރިކަމާއެކު އައު ސީޒަނާއި ކުރިމަތިލާން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ. ކްލަބްގެ އެންމެންގެ އަމާޒުވެސް ހުންނަންވީ ކާމިޔާބު ހޯދަން ކަމަށާއި އެހެންކަމުން އެންމެން އެކަތިގަނޑަކަށްވެ މަސައްކަތް ކުރަން ޖެހޭ ކަމަށް މެސީ ބުންޏެވެ. \

އައު ސީޒަނުގެ ފުރަތަމަ މެޗުގައި ބާސާގެ ކެޕްޓަން ބޭންޑް އަޅައިގެން މެސީ ކުޅުނުއިރު 4-0 އިން އެޓީމު މޮޅުވި މެޗުގައި މެސީ ވަނީ ލަނޑެއް ޖަހާފައެވެ. ކުރިޔަށް އޮތް މެޗުގައި ބުރާސްފަތި ދުވަހު ބާސާ ނުކުންނާނީ ސެލްޓަ ވީގޯއާ ދެކޮޅަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *