ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ ކުރިމިނަލް ކޯޓުން ބޭރުކޮށްލި ނިންމުން ހައިކޯޓުން ބާތިލްކޮށް އެ މައްސަލަ އަލުން ބެލުމަށް ކުރިމިނަލް ކޯޓަށް އަންގައި ބަންދާމެދު ގޮތެއް ނިންމަން އަންގާފައިވާތީ އެ ކޯޓުގައި މިއަދު ބަންދު މަޖިލީހެއް ތާވަލުކޮށްފިއެވެ. 

އަދީބާއެކު، އިއުތިރާފު އެއްބަސްވުމަކަށް ވާސިލްވުމަށްފަހު ދައުލަތުން މަނީ ލޯންޑްރިން ހިމެނޭ ގޮތަށް ހަތް ދައުވާއެއް އަދީބުގެ މައްޗަށް އުފުލިއެވެ. ނަމަވެސް އެ ދައުވާތަކުގެ އިބްތިދާއީ އަޑުއެހުންތައް ވެސް ކުރިއަށް ނުގެންގޮސް ކުރިމިނަލް ކޯޓުން މައްސަލަ ބާތިލްކުރިއެވެ.

ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ އެ ހަތް ދައުވާ އަނބުރާ ފޮނުވާލީ، އިއުތިރާފު އެއްބަސްވުން ސައްހަ ނޫން ކަމަށް ވިދާޅުވެއެވެ. އެއްބަސްވުން ސައްހަކަމާމެދު އަދީބު ވެސް އަދި ދައުލަތުން ވެސް ސުވާލު އުފައްދައި އެއްވެސް ހުށަހަޅުމެއް ހުށަހަޅާފައެއް ނުވެއެވެ. ނަމަވެސް އެކަން ބެއްލެވީ ގާޒީ އިސްމާއިލް ރަޝީދު އަމިއްލަ އިސްނެގުމަށެވެ.

ދައުލަތުން އިސްމާއިލް ރަޝީދުގެ ނިންމެވުނުން ހައިކޯޓުގައި ގިނަ ނުކުތާތައް ފާހަގަކޮށް އިސްތިއުނާފުކުރިއެވެ. އެ މައްސަލާގައި ދައުލަތުން އެދުނީ މައްސަލަ އަލުން ކުރިމިނަލް ކޯޓަށް ބަލަން އަމުރުކޮށްދިނުމަށެވެ. އަދީބު ވެސް ވަނީ އެ މައްސަލައަކީ ޝަރީއަތް ހިންގަން ޖެހޭ މައްސަލައެއް ކަމަށް ގަބޫލު ކުރައްވާ ކަަމަށް ވިދާޅުވެފައެވެ. އަދި އެއްބަސްވުމުގެ ސައްހަކަމާމެދު އޭނާ ދަށު ކޯޓުގެ ޝަރީއަތުގައި ސުވާލު އުފައްދާފައިނުވާނެ ކަމަށް ވިދާޅުވިއެވެ. 

މައްސަލާގައި ހައިކޯޓުން ވެސް ނިންމީ، ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ ނިންމެވުމަކީ ގާނޫނީ ބުރަދަނެއް ނެތް ބާތިލް ނިންމެވުމެއްގެ ގޮތުގައެވެ. އޭގެއިތުރުން އަދީބު، އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހުރުމުގެ މުއްދަތު ފަސް ދުވަހަށް ހައިކޯޓުން އިތުރުކުރިއެވެ. ދެން ކުރިމިނަލް ކޯޓަށް އަންގާފައިވަނީ އޭގެ ފަހުން ބަންދާމެދު ކުރިމިނަލް ކޯޓުން ގޮތެއް ނިންމުމަށެވެ. މިއަދު ކުރިމިނަލް ކޯޓުގައި ބާއްވަނީ އެ މަޖިލީހެވެ. 

އަދީބާ ގުޅޭ ގޮތުން ކޯޓުތަކުގައި މިހާރު އޮތް ހަމައެކަނި މައްސަލައަކީ މި ހަތް ދައުވާއެވެ. އޭނާ ދައުލަތާއެކު އެއްބަސްވުމަކަށް ވަޑައިގެން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ހެކިތަކާއި މައުލޫމާތުތައް ދަނީ ދައުލަތާ ހިއްސާ ކުރައްވަމުންނެވެ. އެކަން ކުރިއަށް އޮތް ތަނުގައި ވެސް ކުރައްވައި ދައުލަތަށް އެއްބާރުލުން ދެއްވާނެ ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.