ދާދިފަހުން ލިވަޕޫލްއާ ގުޅުނު ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ ކޮވިޑް 19 އަށް ޕޮސިޓިވްވެއްޖެއެވެ. 

އޭނާ ކޮވިޑަށް ޕޮސިޓިވްވިކަން ލިވަޕޫލްއިން ހާމަކޮށްފައިވާއިރު އެކްލަބުން ބުނީ އޭނާގެ ކިބައިން އެބަލީގެ އަލާމާތްތައް ކޮންމެވެސް ވަރަކަށް ފެންނަ ކަމަށާއި އެހެން ނަމަވެސް އޭނާގެ ހާލު އަންނަނީ ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން ކަމަށެވެ. އަދި ކޮވިޑާއި ގުޅިގެން އިނގިރޭސި ސަރުކާރުން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތަކަށް ތިއާގޯ އަމަލުކުރަމުންދާނެ ކަމަށާއި އޭނާ މިވަގުތުހުރީ ސެލްފް އައިސޮލޭޝަންގައި ކަމަށް ވެސް ހާމަކޮށްފައިވެއެވެ. 

މިދިޔަ ހޯމަ ދުވަހު ޕްރިމިއަރ ލީގުން ވަނީ 10 މީހަކު ކޮވިޑަށް ޕޮސިޓިވްވެފައިވާކަން ހާމަކޮށްފައެވެ. އެ ލީގުން ދަނީ ގަވާއިދުން ލީގުގެ ޓީމުތަކުގައި ހިމެނޭ ކުޅުންތެރިންނާއި، ކޯޗުން އަދި އެހެނިހެން ސްޓާފުން ޓެސްޓް ކުރަމުންނެވެ. 

އުމުރުން 29 އަހަރުގެ ތިއާގޯ ވަނީ ޗެލްސީ އަތުން ލިވަޕޫލް މޮޅުވި މެޗުގެ ދެވަނަ ހާފުގައި ކުޅެން ނުކުމެ މޮޅު ކުޅުމެއް ދައްކާފައެވެ. އެހެން ނަމަވެސް ލީގު ކަޕްގައި ލިންކަން އަދި ޕްރިމިއަރ ލީގުގައި އާސެނަލްއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުތަކުގައި އަނިޔާގެ ސަބަބުން އޭނާއަށް ކުޅެވިފައެއް ނުވެއެވެ. ކޮވިޑަށް ޕޮސިޓިވްވިކަން އެނގުމުގެ ކުރިން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ ހަފްތާއެއްގެ ތެރޭގައި ތިއާގޯ ފިޓުވާނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް މިއާއެކު އޭނާ މަދުވެގެން ދެހަފްތާއަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެއެވެ. 

އިންޓަނޭޝަނަލް ބްރޭކްގް ކުރިން ލީގް ކަޕްގައި އާސެނަލް އަދި ޕްރިމިއަރ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ލިވަޕޫލް ކުޅޭނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.