ޅ. އަތޮޅުގައި ހިމެނޭ ތިމާވެށީގެ ގޮތުން ޚާއްޞަ 5 ސަރަހައްދެއް ހިމާޔަތްކުރުމަށް ނިންމައިފިއެވެ. 

މި ގޮތަށް ނިންމާފައިވަނީ މިއަދު މެންދުރުފަހު ކުރިޔަށް ގެންދިޔަ ވާރޗުއަލް ކެބިނެޓްގައެވެ. އެގޮތުން ހިމާޔަތްކުރުމަށް ނިންމާފައިވަނީ ޅ.މާގަނދު (އެނިމޮނީ) ތިލަ، ޅ.ދިއްފުށި-މާދޫގައި ހިމެނޭ 5 ރަށުގެ ތެރެއިން އެންމެ އުތުރުން އޮންނަ ރަށްކަމަށްވާ ސެއްޅިފުށީގެ ޗަސްބިން ސަރަހައްދު، ޅ.މާކޯ، ޅ.ވައްވަރު އަދި ދަނޑިފަޅު ކަނޑު އޮޅި އާއި ދަނޑިފަޅު ފިނޮޅު ސަރަހައްދު އަދި ޅ.ދަށުގިރި ފިނޮޅު ސަރަހައްދެވެ. 

މިގޮތަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް އެނަވަޔަރަމަންޓުން ހުށަހެޅި ކަރުދާހަކަށް މަޝްވަރާކުރެއްވުމަށްފަހު ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މިއީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ސަރަޙައްދުތަކެކެވެ. މި ސަރަހައްދުތައް ކަނޑައެޅުމުގައި އެންމެ މުހިންމު އެއް އަސާސަކީ، ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މަޢުލޫމާތު (ޓްރެޑިޝަނަލް ނޮލެޖް) އާއި، ލިބެންހުރި ދިރާސާ ރިޕޯޓުތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބުނު މަޢުލޫމާތުތަކެވެ.

މި ތަންތަން ހިމާޔަތްކުރުމުގެ ކަންކަން ކުރިއަށް ގެންދަވާއިރު، ފާދިއްޕޮޅުގެ ޢުމްރާނީ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކަށް ހުރަސްނޭޅޭނެ ފަދަ ގޮތަކަށް ކަންކަން ހަމަޖައްސަވާނެކަމަށްވެސް އެނަވަޔަރަމަންޓް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިތަންތަން ހިމާޔަތްކުރުމުން މިކަމުގެ ފައިދާ އަންނަން އޮތް ޖީލިތަކަށް ލިބުމާއެކު، އެކޯ ޓޫރިޒަމާއި، އިންޓަރގްރޭޓެޑް ޓޫރިޒަމާއި، ދިރުން ހުރި އިޤްތިޞާދީ ހަރަކާތްތަކަށް މަގުފަހިވެގެންދާނެކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ މަތިން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 14 ސަރަހައްދަކާއި އައްޑޫ ސިޓީގެ 4 ސަރަހައްދަކާއި، ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަޙައްދު ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅުއްވައި ގެޒެޓްކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.