މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ ޓާރފް ދަނޑުގެ ތެރެއިން 9 ރަށެއްގެ ދަނޑުގައި ޓާރފް އެޅުމަށް މިއަދު ސޮއިކޮށްފިއެވެ. 

މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ.

 މި 9 ރަށުގެ ތެރެއިން ފުރަތަމަ ލޮޓްގައި ހިމެނެނީ ހއ. ހޯރަފުށި އަދި ހއ. އިހަވަންދޫއެވެ. ދެވަނަ ލޮޓްގައި ހިމެނެނީ ހދ. ނޮޅިވަރަމް، ހދ. ހަނިމާދޫ އަދި ހދ. ކުޅުދުއްފުށިއެވެ. ތިންވަނަ ލޮޓްގައި ހިމެނެނީ މ. ދިއްގަރު، ދ. ކުޑަހުވަދޫ އަދި ތ. ތިމަރަފުށިއެވެ. ހަތަރުވަނަ ލޮޓްގައި ހިމެނެނީ އައްޑޫ ސިޓީގެ ރަށެއް ކަމަށްވާއިރު މި ރަށް ކަނޑައެޅިގެންދާނީ ނޭޝަނަލް ޓެންޑަރ ބޯޑާއި މަޝްވަރާކުރެއްވުމަށް ފަހު ކަމަށް މިނިސްޓަރ މަޙްލޫފް ވަނީ މިއަދު ވިދާޅުވެފައެވެ. 

މި ލޮޓްތަކުގައި ހިމެނޭ ރަށްތަކުގެ ދަނޑުތަކުގައި ޓާރފް އެޅުމަށް ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑަށް އެވޯޑްކޮށްފައިވަނީ ނޭޝަނަލް ޓެންޑަރ ބޯޑުންނެވެ. މި 9 ރަށުގެ ދަނޑުގައި ޓާރފް އެޅުމަށް އެވޯޑް ކުރެވިފައިވަނީ 30,851,212.02 މިލިއަން ރުފިޔާއަށެވެ. ކޮންމެ ލޮޓެއްގެ މަސައްކަތް ވެސް 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ކޮންޓްރެކްޓްގައި ވަނީ ބަޔާންކުރެވިފައެވެ. އިއްޔެ ވެސް 13 ދަނޑެއްގައި ޓާރފް އެޅުމަށް ހަވާލުކުރެވުނުއިރު މިއާއެކު ޖުމްލަ 22 ދަނޑެއްގައި ޓާރފް އެޅުމަށް މި ހަފްތާގައި ޔޫތު މިނިސްޓްރީއިން ވަނީ ސޮއިކޮށްފައެވެ.

މިހާތަނަށް އައިއިރު މިނިސްޓްރީއިން ވަނީ ފަސް ރަށެއްގެ ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.