އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން އިން ދޫކޮށްފައިވާ ލޯނުތައް ފަސްކުރަން އެދުމަށް ހުޅުވާލެވިފައިވާ ފުރުސަތު އިތުރުކޮށްދިނުމަށް އެ ކޯޕަރޭޝަންއިން ނިންމައިފިއެވެ.

މިގޮތުން، މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން ލޯނު ފަސްކުރުމަށް އެދުމަށް ހުޅުވާލެވިފައިވީ ނަމަވެސް، އެކި ސަބަބުތަކާހުރެ ގިނަ ކަސްޓަމަރުންނަށް ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހެޅިފައިނުވާތީ ކަސްޓަމަރުންނަށް އިތުރު ފުރުސަތެއް ދިނުމަށް އެސްޑީއެފްސީއިން ވަނީ ނިންމާފައެވެ. އެސްޑީއެފްސީއިން ހާމަކޮށްފައިވާ ގޮތުގައި، ލޯނު ފަސްކުރުމަށް އެދި ހުށަހެޅުމުގެ މުއްދަތު މިހާރުވަނީ 8 އޮކްޓޯބަރުގެ ނިޔަލަށް އިތުރުކުރެވިފައެވެ.

މި މުއްދަތުގެ ކުރިން، ލޯނު ދެއްކުން ފަސްކުރަން ބޭނުންފުޅުވާ ކަސްޓަމަރުން އެސްޑީއެފްސީގެ އޮންލައިން ޕޯޓަލްއިން އެކަމަށް އެދިވަޑައިގަންނަވަން ޖެހޭނެކަމަށް އެސްޑީއެފްސީއިން ވަނީ ހާމަކޮށްފައެވެ. މިގޮތަށް ލޯނު ދެއްކުން ސެޕްޓެމްބަރު 2020 އިން ފެށިގެން އިތުރު 4 މަސްދުވަހަށް ފަސްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި މުއްދަތުގައި 4 އިންސައްތައިގެ އިންޓްރެސްޓް ނެގޭނެއެވެ. އެހެންނަމަވެސް އިންޓްރެސްޓް ކޮމްޕައުންޑް ނުވާނޭކަމަށް އެސްޑީއެފްސީއިން ވަނީ ހާމަކޮށްފައެވެ. އަދި މި މުއްދަތުގައިވެސް ލޯނަށް ފައިސާދައްކަން ބޭނުންފުޅުވާނަމަ އެ ފުރުސަތުވެސް ހުޅުވާލެވިފައިވާކަމަށް އެ ކޯޕަރޭޝަން އިން ހާމަކޮށްފައިވެއެވެ.

އެސްޑީއެފްސީއަކީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން މި ސަރުކާރުން ގާއިމްކުރި ކުންފުންޏެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.