އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ އެއާކްރާފްޓް އުދުހޭނީ ރާއްޖޭގެ ދިދައާއި ކުލަތަކާއެކު، އެމްއެންޑީއެފްގެ ޕައިލެޓުން ވެސް ހަރަކާތްތެރިވާ ގޮތަށް ކަމަށް ބުނެފިއެވެ. 

2016 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ރާއްޖެއަށް ހޯދުމަށް މަސައްކަތްކުރެވެމުންދިޔަ ޑޯނިއާ މަތިންދާބޯޓު މިއަދުގެ ރާއްޖެ ވަނީ އައިސްފައެވެ. އެ ބާއްވަނީ ހަނިމާދޫ އެއާޕޯޓްގައެވެ. 

އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްއިން ބުނީ މަތިންދާބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުރުމަށާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސްއާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، ކަނޑުމަތީގައި ޙާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކަމަށެވެ. 

2009 ވަނަ އަހަރުން ފެށިގެން، އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ޖުމްލަ 54 އޭރިއަލް ސާރވައިލަންސް އޮޕަރޭޝަން ހިންގިފައިވެއެވެ.

މިއަދު ރާއްޖެއަށް ގެނައި ޑޯނިއާ މަތިންދާބޯޓުގެ ސަބަބުން ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގައާއި، ކަނޑުމަތީގައި ހިންގޭ ޤަވާޢިދާޚިލާފު ކަންތައްތައް ހުއްޓުވުމުގައާއި، ކަނޑުމަތީގައި ދިމާވާ ތަފާތު ނުރައްކާތެރި ހާދިޘާތަކަށް ރިއެކްޓްކުރުމުގައި އަދި ދިވެހިރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި، އެމްއެންޑީއެފްގެ ޤާބިލްކަން މިހާރަށްވުރެ އިތުރުވެގެންދާނެ ކަމަށް ބުންޏެވެ. 

"މިފްލައިޓް ރާއްޖޭގައި އުދުހޭނީ ރާއްޖޭގެ ދިދައާއި ކުލަތަކާއެކު، އެމްއެންޑީއެފްގެ ޕައިލެޓުން ވެސް ޙަރަކާތްތެރިވާ ގޮތަށް،" އެމްއެންޑީއެފްއިން ބުންޏެވެ. 

އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ މި އެއާކްރާފްޓަކީ ދެ ގައުމުގެ ދެ މެދު ކުރި މަޝްވަރާތަކަށްފަހު ހަދިޔާކުރި އެއްޗެއް ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ މަޝްވަރާ ކުރީ 2016 ވަނަ އަހަރު ތެރޭގައި ރައީސް އަބްދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ކަމަށާއި އެ މަޝްވަރާއަށް އަމަލީ ސިފަ ނުގެނެވެނީސް ވެރިކަން ބަދަލުވީ ކަމަށެވެ. މި ސަރުކާރާއެކު އެ މަޝްވަރާތައް އަލުން ފެށުނު ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

ހައިކޮމިޝަނުން ބުނި ގޮތުގައި ޑޯނިއާ ދުއްވުމަށް 2017 ވަނަ އަހަރުން ފެށިގެން ދިވެހި ޕައިލެޓުންން އިންޑިއާއިން ގެންދަނީ ތަމްރީނު ކުރަމުންނެވެ. އެއާކްރާފްޓް އޮޕަރޭޓް ކުރުން އެމްއެންޑީއެފްގެ ކޮމާންޑަށް ގެންދިޔަ ނަމަވެސް މެއިންޓެނެންސް އާއި އެހެނިހެން ހަރަދުތައް ބަލަހައްޓާނީ އިންޑިއާއިން ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

އިންޑިއާއިން މިހާރު ރާއްޖޭގައި ބާއްވާފައިވާ ދެ ހެލިކަޕްޓަރު އޮޕަރޭޓް އަދިވެސް ކުރަމުން ދަނީ އިންޑިއާ ސިފައިންނެވެ. އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރަމުންދެއެވެ. ނަމަވެސް ހެލިކަޕްޓަރު ދުއްވާނެ ދިވެހި ޕައިލެޓުން އަދި ތަމްރީނު ނުވާ ކަމަށް ވަނީ ބުނެފައެވެ. އެ ތަމްރީނުތައް ވެސް ދަނީ ކުރަމުން ކަމަށް ބުނެފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.