އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ އެއާކްރާފްޓް އޮޕަރޭޓް ކުރާނީ އެމްއެންޑީއެފްގެ ކޮމާންޑަށް ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެފިއެވެ. އެއާކުރާފް އޮންނާނީ ހަނިމާދޫ އެއާޕޯޓްގައެވެ.

މިދިޔަ ސަރުކާރުގައި ވެސް ހެލިކަޕްޓަރުތަކުގެ ބަދަލުގައި ޑޯނިއާ އެއާކުރާފްޓެއް ދިނުމަށް އިންޑިއާގައި އެދުނެވެ. އެއީ ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ގެ ސަަވައިލެންސްގެ މަސައްކަތުގައި ބޭނުންކުރުމަށެވެ.

އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ މި އެއާކްރާފްޓަކީ ދެ ގައުމުގެ ދެ މެދު ކުރި މަޝްވަރާތަކަށްފަހު ހަދިޔާކުރި އެއްޗެއް ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ މަޝްވަރާ ކުރީ 2016 ވަނަ އަހަރު ތެރޭގައި ރައީސް އަބްދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ކަމަށާއި އެ މަޝްވަރާއަށް އަމަލީ ސިފަ ނުގެނެވެނީސް ވެރިކަން ބަދަލުވީ ކަމަށެވެ. މި ސަރުކާރާއެކު އެ މަޝްވަރާތައް އަލުން ފެށުނު ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

ހައިކޮމިޝަނުން ބުނި ގޮތުގައި ޑޯނިއާ ދުއްވުމަށް 2017 ވަނަ އަހަރުން ފެށިގެން ދިވެހި ޕައިލެޓުންން އިންޑިއާއިން ގެންދަނީ ތަމްރީނު ކުރަމުންނެވެ. އެއާކްރާފްޓް އޮޕަރޭޓް ކުރުން އެމްއެންޑީއެފްގެ ކޮމާންޑަށް ގެންދިޔަ ނަމަވެސް މެއިންޓެނެންސް އާއި އެހެނިހެން ހަރަދުތައް ބަލަހައްޓާނީ އިންޑިއާއިން ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

ހައިކޮމިޝަނުން ބުނީ ޑޯނިޔާ އެއާކްރާފްޓް، ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ބެލެހެއްޓުމާއި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކާއި ހިޔުމެނިޓޭރިއަން އެސިސްޓެންސް އަދި ޑިޒާސްޓާ ރިލީފް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުން ކުރާނެ ކަމަށެވެ. އަދި ޑްރަގް ޓްރެފިކިން ހުއްޓުވުމާއި ކައުންޓަ ޓެރަރިޒަަމްއާ ގުޅޭ އޮޕަރޭޝަންތަކުގައި ވެސް މި އެއާކްރާފްޓުގެ ބޭނުން ހިފާނެ އެވެ. މި އެއާކްރާފްޓް ބޮޑަށް ހާއްސަ ކުރާނީ އުތުރުގެ ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކަމަށެވެ. މިހާރު އިންޑިއާ ސިފައިން އޮޕަރޭޓް ކުރާ ހެލިކަޕްޓަރުތަކުގެ މެޑިކަލް އިވެކުއޭޝަންތަކުގައި ވެސް ޑޯނިޔާ ހަރަކާތްތެރިވާނެއެވެ.

ޑޯނިޔާ އެއާކްރާފްޓްގައި އެމްއެންޑީއެފް އެއާ ވިންގުގެ ނިޝާން ހިމަނާފައިވާއިރު ބޭނުންކޮށްފައިވާނީ އެމްއެންޑީއެފް އެއާ ވިންގުގެ ކުލަތަކެވެ.

އިންޑިއާއިން މިހާރު ރާއްޖޭގައި ބާއްވާފައިވާ ދެ ހެލިކަޕްޓަރު އޮޕަރޭޓް އަދިވެސް ކުރަމުން ދަނީ އިންޑިއާ ސިފައިންނެވެ. އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރަމުންދެއެވެ. ނަމަވެސް ހެލިކަޕްޓަރު ދުއްވާނެ ދިވެހި ޕައިލެޓުން އަދި ތަމްރީނު ނުވާ ކަމަށް ވަނީ ބުނެފައެވެ. އެ ތަމްރީނުތައް ވެސް ދަނީ ކުރަމުން ކަމަށް ބުނެފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.