ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާގައި ބޭނުންކުރި އައިޑީ ގޮއްވާލިކަމަށް ތުހުމަތުކުރެވޭ މީހާ ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި މި މީހާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މައުލޫމާތު ލިބޭ ގޮތުގައި މި މީހާ ހައްޔަރު ކޮށްފައިވަނީ ހުޅުމާލޭ ފްލެޓް ނަންބަރު 95 އިންނެވެ.
ހައްޔަރުކޮށްފައިވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ސައިކަލުގައި ހަރުކޮށް ގޮއްވާލި އައިޑީ ގޮއްވާލިކަމަށް ތުހުމަތުކުރެވޭ މީހާ އެވެ.
ފުލުހުން ބުނިގޮތުގައި ހައްޔަރުކުރި މީހަކީ ފުލުހުން ހޯދުމަށް އިއުލާންކުރި މީހާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހޯދަމުންދާ މީހެއް -- ފޮޓޯ: ފުލުހުންގެ ހިދުމަތް

ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ތިން ވަނަ މީހާ، ހައްޔަރަށް ގެންދަނީ -- ފޮޓޯ: އެމްވީ ކްރައިސިސް
މުއާއެކު މައްސަލާގައި ހައްޔަކުރެވުނު މީހުންގެ އަދަދު ވަނީ ތިނަކަށް އަރާފަ އެވެ. މީގެކުރިން މައްސަލާގައި ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. މުޖާޒް އަހުމަދު (މއ. ފޭރުގެ/ ކ.މާލެ) އާއި ތަހުމީން އަހުމަދު (ފޮޅޭމާ/ ގއ. ކޮނޑޭ) އެވެ. އޭގެތެރެއިން ތަހުމީންއަކީ ގޮއްވާލި ޑިވައިސް ބާއްވާފައިވާ އޮތް ސައިކަލްގެ ވެރި ފަރާތް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މިހާތަނަށް ހައްޔަރު ކުރި ދެމީހުންނަކީވެސް ހަރުކަށި ފިކުރުގެ ކެޓަގަރީއަށް ފެތޭ ދެމީހުން ކަމަށެވެ. ނަމަވެސް އެމީހުން ނިސްބަތްވަނީ ކޮން ޖަމާޢަތަކަށް ކަމެއް އަދި ކަށަވަރު ނުކުރެވޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން -- ފޮޓޯ: ފުލުހުންގެ ހިދުމަތް
ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، އެމަނިކުފާނުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލާފައިވަނީ ބުރާސްފަތި ދުވަހުގެ 8:20 ހާއިރު އެވެ. އެއީ ގެއިން ނިކުންނަވާ، ކުރުނބާ މޯލްޑިވްސްގައި އޮތް އިވެންޓެއްގައި ބައިވެރިވެވަޑައިގަތުމަށް ދިޔުމަށް ކާރުކޮޅަށް އަރައިވަޑައިގަތުމަށް ދަނިކޮށް އައިޑީއެއް ގޮއްވާލައިގެންނެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު އެ ހަމަލާގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތަކެއް ލިބުނެވެ.
ފުލުހުން ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާ ފެންނަ ވިޑިއޯވެސް އާންމުކޮށްފަ އެވެ. ކުރުނބާ މޯލްޑިވްސްގައި އޮތް އިވެންޓެއްގައި ބައިވެރިވެވަޑައިގަތުމަށް ގ. ކެނެރީގެއިން ނުކުމެވަޑައިގެން އެމަނިކުފާނު މަޖީދީ މަގާއި ހަމަޔަށް ހިންގަވާފައި ވަޑައިގެންނެވި ދެ ހަށިފާރަވެރިންނާއެކުއެވެ. އަދި އެމަނިކުފާނު މަޖީދީ މަގާއި ނީލޯފަރު މަގާއި ގުޅޭ ހިސާބާއި އެމަނިކުފާނު އަރާހަމަވިތަނުން ވަނީ އެތަނުގައި ޕާކްކޮށްފައި ހުރި ސައިކަލްގައި އެއްޗެއް ގޮއްވާލި މަންޒަރު ވީޑިއޯއިން ފެނެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ބޭރުގެ މާހިރުންގެ އެހީތެރިކަން ސަރުކާރުން އަންނަނީ ހޯދަމުންނެވެ. އެގޮތުން އޮސްޓްރޭލިއާގެ ފެޑަރަލް ފުލުހުންގެ އިތުރުން އިނގެރޭސިވިލާތުގެ ފުލުހުންނާއި، އިންޑިއާގެ އެހީތެރިކަންވެސް ސަރުކާރުން ހޯދަ އެވެ.