މިހާރުވެސް އުމްރާ ދަތުރުތައް ކުރުމަށް ހުއްދަ ދޫކުރެވިފައިވާ ކުންފުނިތަކަށް ދޫކޮށްފައިވާ ހުއްދަ އެއް އަހަރަށް އިތުރުކުރުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އިއުލާންކޮށްފިއެވެ. 

މިއީ މިހާރު ހުއްދަ ދޫކުރެވިފައިވާ ކުންފުނިތަކަށް ދަތުރުކުރުމުގެ ފުރުސަތު ލިބިފައިނުވާތީ ނިންމާފައިވާ ނިންމުމެއް ކަމަށް އެ މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. އަދި، ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވަނީ އިތުރު އެއްވެސް ފީއެއް ނުނަގާކަމަށްވެސް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.

އުމްރާ ދަތުރުކުރުމަށް ހުއްދަ ދޫކުރެވިފައިވާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އިތުރުކުރަން ނިންމާފައިވަނީ ސައުދީ އަރަބިއާއިން އުމްރާގެ އަޅުކަން އަދާކުރުމަށާއި، ދެ ހަރަމްފުޅަށް ޒިޔާރަތްކުރުމުގެ ފުރުސަތު 4 އޮކްޓޯބަރ 2020 އިން ފެށިގެން ހުޅުވާލަން ނިންމައި އެކަން އިއުލާންކުރުމާ ގުޅިގެންނެވެ. މިއީ ކޮވިޑް-19ގެ ސަބަބުން މިއަހަރުގެ ފެބްރުއަރީ މަހު އުމްރާގެ އަޅުކަން އަދާކުރުމުށް ސައުދީއިން ހުޅުވާލާފައިވާ ފުރުސަތު ވަގުތީގޮތުން މެދުކަނޑާލުމަށްފަހު މި ފުރުސަތު ހުޅުވާލާ ފުރަތަމަ ފަހަރެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީއިން ވަނީ އުމްރާއަށް މީހުން ގެންދިޔުމުގެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުނެފައެވެ. އަދި، އުމްރާ ކުންފުނިތަކަށް ދިމާވާ ހުރިހާ ދަތިތަކެއް ހައްލުކޮށްދިނުމަށްވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. މިގޮތުން، އުމްރާ ދަތުރުތައް ފެށުމުގެ ކުރިން ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމަށް ބޭނުންވާ އާ ކުންފުނިތަކަށް ހުއްދަ ދިނުމުގެ މަސައްކަތްވެސް މިނިސްޓްރީއިން ދަނީ ކުރަމުންނެވެ.

4 އޮކްޓޯބަރުގައި އުމްރާ ކުރުމުގެ ފުރުސަތު ހުޅުވާލާއިރު، މިކަން ކުރުމަށް ސައުދީ އަރަބިއާއިން ނިންމާފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. މޭގެތެރެއިން ބޭރު ގައުމުތަކުގެ ރައްޔިތުންނަށް އުމްރާ ކުރުމުގެ ފުރުސަތު ލިބޭނީ 3ވަނަ ފިޔަވަހިންނެވެ. އެއީ 1 ނޮވެމްބަރުން ފެށިގެންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.