މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން 4 ރަށަކުން މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އޮޕަރޭޝަންތައް ހިންގާފައިވަނީ ހދ.ކުޅުދުއްފުށި، ދ.ކުޑަހުވަދޫ، ތ.މަޑިފުށި އަދި ގދ.ތިނަދޫގައެވެ.

ހދ.ކުޅުދުއްފުށީގައި އޮޕަރޭޝަން ހިންގާފައިވަނީ ސެޕްޓެމްބަރު މަހުގެ 27ވަނަ ދުވަހުއެވެ. މިއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި އޮޕަރޭޝަންގައި 38 އަހަރުގެ 2 ދިވެހިންނާއި 34 އަހަރުގެ ދިވެއްސަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން މައުލޫމާތުދޭ ގޮތުގައި މި މީހުން ހައްޔަރު ކުރުމަށްފަހު ތިން ގެއެއް ބަލާ ފާށްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި، 15 ސެލޯފިންކޮޅު ފެނިފައިވެއެވެ. 

ތ.މަޑިފުށީގައިވެސް އޮޕަރޭޝަން ހިންގާފައިވަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ފުލުހުން މައުލޫމާތުދޭ ގޮތުގައި، މަޑިފުށި ޕޮލިސް ސްޓޭޝަނާ އެ އަތޮޅު ދިޔަމިގިލި ޕޮލިސް ޑެސްކް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި 36 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހާ ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފައެވެ.

މީގެއިތުރުންވެސް ފުލުހުން ވަނީ ގދ.ތިނަދޫގައިވެސް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މިއީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތާކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 15 ރަބަރު ޕެކެޓާއި، 23 ސެލޯފިންކޮޅު އިތުރުން ފިލްމް ހުސްކުރި ދަޅެއް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން މައުލޫމާތުދީފައިވާ ގޮތުގައި ދ.ކުޑަހުވަދޫއިން މީހަކު ހައްޔަރުކޮށްފައިވަނީ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު މީހެއްގެ އަމަލުތައް ހުރިގޮތުން އެމީހާ ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިގެންނެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 34 އަހަރުގެ ދިވެއްސެއް ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިހާރު މި މައްސަލަތައް ދަނީ ތަހުގީގު ކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.